ވެރިކަން ހޯދުމަށްޓަކައި ކޯލިޝަން ހަދަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ 'ހަވާސާ' ޕްރޮގްރާމްގައި ރިޔާޒަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ކޯލިޝަން ނަހަދާ ވެސް ރާއްޖޭގައި އެއް ޕާޓީއަކަށް ވެރިކަން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެމްއެންޕީން މިދަނީ ސީދާ ދިވެހި ރައްޔިތުންގެ ވިންދާއެކުގަ. ދިވެހި ރައްޔިތުންގެ ފަޅީގައި. ދިވެހި ރައްޔިތުންގެ ވިސްނުމަށް އަޅުގަނޑުމެން މި ދަނީ. ދިވެހި ރައްޔިތުން ބޭނުންވާ ގައުމީ ފިކުރުގަ އަޅުގަނޑުމެން މި ދަނީ. އެހެން އެއްވެސް ބަޔަކާ އެއްކޮށެއް ނޫން،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކޯލިޝަން ނަހަދާ ވެރިކަން ލިބޭނީ، ފުރަތަމަ އެބައެއް އެގޮތަށް ވިސްނުން ގެންގުޅުމުން ކަމަށެވެ.
ކޯލިޝަން ހަދަނީ ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނުވާ މީހުން ކަމަށާއި ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ބޭނުން ވުމުން ކޯލިޝަން ހަދަނީ ކަމަށެވެ.
ވެރިކަން ބޭނުން ވާ ފަރާތްތަކުން، އެ ބަޔަކާ ސިޔާސީ ގޮތުން އެއް ވިސްނުމެއް ނެތަސް އަދި ގަބޫލުކުރާ ފިކުރެއް ނޫނަސް، ވެރިކަން ހޯދުމުގެ ބޭނުމުގައި ކޯލިޝަން ހަދާކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.
"ހަމަގައިމުވެސް ޕާސަނަލީ އަޅުގަނޑު ދަންނަވަންޏާ، އަޅުގަނޑު އެހާ ގަޔާވާ ކަމެއް ނޫން ކޯލިޝަން ހެދުމަކީ، ހާއްސަކޮށް ރިޔާސީ ނިޒާމެއްގަ. އަޅުގަނޑުމެންނަށް ވެރިކަމުގަ ރައްޔިތުން އިތުބާރު ކުރާ ބަޔަކު ވެރިކަން ކުރަންވީ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެމްއެންޕީން ކޯލިޝަނެއް ހެދުމާ މެދު ވަކި ގޮތެއް ނިންމާނީ ޕާޓީގެ ނެޝަނަލް އެގްޒެކެޓިވް ކައުންސިލުން ކަމަށެވެ.