މިނިމަމް ވޭޖު 10،000 ރުފިޔާއަށް ހެދުމަށް ޖާބިރު ގޮވާލައްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

މިނިމަމް ވޭޖު 10،000 ރުފިޔާއަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ހުރިހާ ދިވެހިން ވެސް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީ މީހެއް. އެމްޑީޕީއަށް ލޯބިކުރާ މީހެއް. އެހެންނަމަވެސް އަޅުގަނޑު މިހާރު ތާއީދެއް ނުކުރަން އެމްޑީޕީއަކަށް. ސަބަބަކަށް ވަނީ އެމްޑީޕީން މަކަރު ހަދާތީ. ރައްޔިތުންނަށް އޮޅުވާލާތީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އިންތިހާބެއް ކައިރިވާ ކޮންމެ ފަހަރަކު އެމްޑީޕީން އަނެއްކާވެސް ރައްޔިތުންނަށް ހައްގު ހޯދައިދީ، މުސާރަ ބޮޑުކުރާ ވާހަކަ އާއި އިންސާފު ގާއިމު ކުރާ ވާހަކަ ދައްކަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ މިނިމަމް ވޭޖު 10،000 ރުފިޔާއަށް ބޮޑުކުރުމަށް ގޮވާލައްވައި، އެކަން ކުރުމަށް ސަރުކާރުން ފަސްޖެހެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

"ދިވެހިރާއްޖެއަށް މިނިމަމް ވޭޖު ކަނޑައަޅާށޭ. ކީއްވެހޭ ކަނޑަނޭޅިގެން މިއުޅެނީ؟ ރައްޔިތުން ދަތީގައޭ ތިބީ. ކިހިނެއްހޭ 4،000، 5،000 ރުފިޔާ މީހަކަށް އުޅެވޭނީ. މީތި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ އިއްޔެއިން ފެށިގެން ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

comment ކޮމެންޓް