މޭނީ ޕެކިއާއޯ ފިލިޕީންސްގެ ރައީސް ކަމަށް ކުރިމަތިލަނީ

މޭނީ ޕެކިއާއޯ-- ފޮޓޯ/ސީއެންއެން

ފިލިޕީންސްގެ ބޮކްސިން ޗެމްޕިއަން މޭނީ ޕެކިއާއޯ އެގައުމުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.

ފިލިޕީންސްގެ ސެނެޓަރެއްގެ ގޮތުގައި މިހާރު ހުރި ޕެކިއާއޯއަށް ރިޔާސީ ޓިކެޓު ދޭން ހުށަހަޅާފައި ވަނީ އެގައުމުގެ ވެރިކަން ކުރާ ޕީޑީޕީ ލަބާން ޕާޓީގެ ފެކްޝަނަކުންނެވެ. އެއީ އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެވެ.

ޕީޑީޕީ ޕާޓިގެ ފެކްޝަނަކުން ޕެކިއާއޯ ނަން ހުށަހެޅީ، ޑުޓާޓޭއަށް ފަހު ރައީސް ކަމަށް އައްޔަން ކުރަން އޭނާ ހިޔާރު ކުރައްވާފައިވާ މީހަކަށް ރިޔާސީ ޓިކެޓު ދޭން އެ ޕާޓީގެ އެހެން ފެކްޝަނަކުން ތާއިދުކޮށްފައި ވަނިކޮށެވެ. އެއީ ޑުޓާޓޭގެ އަރިސް ސެނެޓަރެއް ކަމަށްވާ ކްރިސްޓޮފާ "ބޮންގް" ގޯ އެވެ.

ގޯ އަށް ރިޔާސީ ޓިކެޓު ދޭން ހުށަހެޅި ފެކްޝަނުން ތާއިދު ކުރަނީ ޑުޓާޓޭ ދެން ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށެވެ. އަދި އެއީ ޑުޓާޓޭ އަނެއްކާވެސް ވެރިކަން ދޭންވެގެން އެ ފެކްޝަނުން ކުރާ ކަމެއް ކަމަށް ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިންވެސް ޕެކިއާއޯ ވަނީ ރިޔާސި އިންތިހާބުގައި ވާދަ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިއެވެ.

"އަޅުގަނޑަކީ ފައިޓާއެއް. އަޅުގަނޑު އަބަދުވެސް ވާނީ ފައިޓާއަކަށް. ރިންގުގެ ތެރެއިން އަދި ބޭރުންވެސް،" ޕެކިއާއޯ ބުންޏެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 40 އަހަރު ފުރިފައި ވުން ހިމެނެއެވެ. އަދި ޕެކިއާއޯއަށް މިހާރުވަނީ 42 އަހަރު ވެފައެވެ.

ފިލިޕީންސްގެ ކޮންގްރެސްގެ މެމްބަރަކަށް ޕެކިއާއޯ ހޮވުނީ 2010 ވަނަ އަހަރުގައެވެ. އަދި އޭނާ ސެނެޓަރަކަށްވީ 2016 ވަނަ އަހަރުގައިއެވެ.

comment ކޮމެންޓް