ދަނޑުވެރިކަމުގެ ލޯނު 200 އަށް ވުރެ ގިނަ ދަނޑުވެރިންނަށް

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ދެ މިލިއަން ޑޮލަރު (30،840،000 ރުފިޔާ) ލޯން ސްކީމްގައި ލޯނަށް އެދުނު 581 ދަނޑުވެރިންގެ ތެރެއިން 239 ފަރާތަކަށް ލޯނު ދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިދިޔަ ހަފުތާ އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ލިސްޓުގައި 50،000ރ. އިން މަތީގެ ލޯނަށް 143 ފިރިހެނުން އެދިފައިވާއިރު ލޯނު ލިބެނީ 62 މީހަކަށެވެ. ހަމަ އެކެޓަގަރީން 22 އަންހެނަކަށްލޯނު ލިބެ އެވެ. އަދި މި ކެޓަގަރީގައި ލޯނު ލިބެން ޝަރުތު ހަމަވާތީ 19 މީހަކު ވަނީ ވެއިޓް ލިސްޓުކޮށްފަ އެވެ. ލޯނު ސްކީމްގެ ދަށުން 50،000ރ. އިން ދަށުގެ ލޯނުތަކަށް 103 ފިރިހެނުން އެދިފައިވާއިރު 93 ފަރާތަކަށް ލޯނު ލިބެ އެވެ. އަދި އެ ކެޓަގަރީގެ ލޯނުތަކަށް އެދުނު 196 އަންހެނުންގެ ތެރެއިން 62 އަންހެނަކަށް ވެސް ލޯނުލިބެ އެވެ.

ދަނޑުވެރިކަމަށް އަމާޒުކޮށްގެން ދޭ ލޯނު ސްކީމްގެ 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންނަށާއި އަންހެނުންގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތަކާއި ކޯޕަރޭޓިވްތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ދަނޑުވެރިންނަށް ލޯނު ފައިސާ ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ އަދީ ކޮލޭޓްރަލް ރިކުއާމެންޓްސްއަށް ބެލުމަށް ފަހު ކަމަށެވެ. އަދި ބުނީ އެ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކޮށް ވެއިޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ފުރުސަތުދެވޭނެ ކަމަށެވެ.

ލޯނުތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ 26 ފަރާތެއްގެ ނަމާއި ޝަރުތު ހަމަނުވި ސަބަބު ވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

ލޯން ފަންޑުގެ 25 ޕަސެންޓް ދޫކުރަނީ 50،000ރ. އާއި އެއަށް ވުރެ ދަށް އަދަދުގެ ލޯންތަކަށް ކަމަށާއި އަނެއް 75 ޕަސެންޓް އަމާޒު ކޮށްފައި ވަނީ 50،001ރ. ފެށިގެން 320،000ރ. އާއި ދެމެދުގެ ލޯނުތަކަށް ކަމަށް ޓްރޭޑް މިނިސްޓްރީން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު