ފަހަތުން އަރައި ލިޔޯން ބަލިކޮށް، ޕީއެސްޖީން ރެކޯޑް ދަމަހައްޓައިފި

ޕީއެސްޖީއާއި ލިޔޯން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

ފަހަތުން އަރައި ލިޔޯން ބަލިކޮށް، ޕީއެސްޖީއިން ފްރެންޗް ލީގުގައި ސައްތައިން ސައްތަ މޮޅު ހޯދުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ލިޔޯން އަތުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ފުރިހަަމަ ތިން ޕޮއިންޓް ހޯދައި، 18 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގެ މަގާމު ދަމަހައްޓައިފައެވެ.

ޕީއެސްޖީއާ ދެން އެންމެ ގާތުން ވާދަކުރާ މާސޭއަށް 13 ޕޮއިންޓް ލިބިފައިވާ އިރު އޭގެ ދަށުގައި އޮތް ލެންސްއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ލިޔޯންއަށް މިހާތަނަށް އަށް ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

މިދިޔަ ހަފުތާ ކުޅުނު ޗެމްޕިއަންސް ލީގުގައި ކުލަބް ބްރޫގާއާ ދެކޮޅަށް ކުޅުނު މެޗުގައި އެއްވަރުވެގެން ޕީއެސްޖީއަށް ވަނީ މާޔޫސްކަމެއް ލިބިފައެވެ. އެކަމުން އަރައިގަތުމަށް މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ވެސް އޮތީ ބުނެފައެވެ.

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅުނު ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 37 ވަނަ މިނަޓުގައި ޕީއެސްޖީއަށް އަލަށް ގުޅުނު ފޯވާޑް ލިއޮނެލް މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިޔޯންއިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލޫކަސް ޕަކުއެޓާއެވެ.

ލިޔޯންގެ ގޯލަށްފަހު ޕީއެސްޖީން ޓީމު ކުރިއަށް ޖައްސައި، ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން 66 ވަނަ މިނަޓުގައި ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކަމާއެކު ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޕީއެސްޖީއަށް މެޗުގެ ތިން ޕޮއިންޓް ޔަގީންވީ މެޗުގެ އިތުރު ވަގުތުގައި މައުރޯ އިކާޑީ ޖަހައިދިން ގޯލުންނެވެ. ކިލިއަން އެމްބާއްޕޭ ހިއްލާލި ބޯޅަ އިކާޑީ ގޯލުގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް ހުރެ ބޮލުންނެވެ.

comment ކޮމެންޓް