އައްޑޫގައި ދިން ގެއްލުންތަކާ ގުޅިގެން 11 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ހިތަދޫ ޕޮލިސް ސްޓޭޝަންގައި ކުއްވެރިން ބައިތިއްބާ ގޮޅިތަށް ހަލާކުކޮށްލާފައި: މައްސަލައާ ގުޅިގެން 11 މީހެއްގެ މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފައި -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި އަދިވެސް އެހެނިހެން ސަރުކާރުގެ އޮފީސްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ހޯމް މިނިސްޓާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެކު ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓާ ޖަމީލް ވިދާޅުވީ އައްޑޫ ސިޓީގެ އެކި އެކި ތަންތަނުގައި ހުޅުޖެހި މައްސަލައާއި ގުޅިގެން 11 މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"މިހާ ހިސާބަށް މި އަތޮޅުގައި ހުޅުޖެހި ފަރާތްތަކުގެ ތެރެއިން 11 މީހެއްގެ މައްސަލަ އަޅުގަނޑުމެންވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ،" ޖަމީލު ވިދާޅުވި އެވެ.

މިނިސްޓަރު ޖަމީލު ވިދާޅުވީ ތަންތަނުގައި ހުޅުޖަހައި އަންދާލުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ނާއި އިންޓާޕާލަމެންޓްރީ ޔޫނިއަންއާއި ބޭރުގެ އެކި ގައުމުތަކުން ހިމާޔަތްދޭނެ ކަމަށް އެމްޑީޕީން ބުނަމުން ގެންދާ ކަމަށާއި ތަންތަނުގައި ހުޅުޖެހި މީހުންގެ މައްޗަށް ފުރިހަމައަށް ގާނޫނު ހިންގާނެ ކަމަށެވެ.

"ތިމަންނާމެން ހުޅުޖަހާފަ ތަންތަން އަންދާފަ ދައުލަތުގެ މުދާ، ރައްޔިތުންގެ މުދާ ސުންނާފަތި ކުރުމަށްފަހުގައި ތިމަންނާމެންނަށް އީޔޫ އިން ހިމާޔަތް ދޭނެޔޭ. ތިމަންނާމެންނަށް އިންޓާ ޕާލަމެންޓްރީ ޔޫނިއަނުން ހިމާޔަތް ދޭނެޔޭ. ތިމަންނާމެންނަށް އެވެނި ގައުމަކުން މިވެނި ގައުމަކުން ހިމާޔަތް ދޭނެޔޭ. ނޫން. އަޅުގަނޑުމެން މިގައުމުގެ ގާނޫނު ފުރިހަމަ ގޮތުގައި އެ ބޭފުޅުންގެ މައްޗަށް ހިންގާފަ ނޫނިއްޔާ އެންމެ ފަހަރަކު ވެސް ނޭވާ ނުލާނަން،" ޖަމީލު ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ އެކި ތަންތަނުގައި ހުޅު ޖެހި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއް މީހުންގެ ބަޔާންތައް ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، އެ ބަޔާންތައް މިހާރު ދިރާސާ ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ ބަޔާންތައް ދިރާސާކޮށް ނިމުނު އަވަހަކަށް ލަސްނުކޮށް އެ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް