ފަހު ވަގުތު ޕެނަލްޓީ ޖަހަން އެރުވި ނޯބަލްއަށް އެކަން ނުވެ، ޔުނައިޓެޑަށް ހަނިމޮޅެއް

ވެސްޓްހަމް ކޮޅަށް ގޯލު ޖެހުމަށްފަހު ލިންގާޑާ އެކު ޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ވެސްޓްހަމްގެ ލަންޑަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ޔުނައިޓެޑް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ޔުނައިޓެޑް ހޯދި މި މޮޅާ އެކު އެ ޓީމު ދެވަނައަށް އަރާފައި ވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެެވެ.

ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ނާކާމީޔާބީއަށްފަހު ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގައި އެ ދުވަހު ރަތް ކާޑު ހޯދި އެރޮން ވިން ބިސާކާ ވަނީ ހިމަނައިފައެވެ. އަނެއްކޮޅުން ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން ޓީމުގެ އެއް ވަނަ ފޯވާޑް މިކޭލް އެންޓޯނިއޯ ވަނީ ސަސްޕެންޑްވެފައެވެ.

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅުނު ވެސްޓްހަމްއިން މެޗުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. ނަތީޖާއަކަށްވީ މެޗުގެ 30 ވަނަ މިނަޓުގައި އެ ޓީމުން ލީޑު ނެގުމެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ސައީދު ބެންރަހްމާއެވެ.

އެހެން ނަމަވެސް ވެސްޓްހަމްއަށް އެ މެޗުގައި މާގިނައިރު ލީޑު ހިފޭއްޓޭ ގޮތެއް ނުވިއެވެ. އޭގެ ހަތަރު މިނަޓު ފަހުން ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ އަލުން ޔުނައިޓެޑާ ގުޅުނު ފަހުން ރޮނާލްޑޯ ޖެހި ހަތަރު ވަނަ ގޯލެވެ.

ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، ގިނަ ހަމަލާތަކެއް ވަނީ އުފައްދަައިފައެވެ. އެ ޓީމަށް މިއަދުގެ މެޗުގައި ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޖެސޭ ލިންގާޑެވެ. ކުރީ މެޗުގައި ފަހުވަގުތު ޔަންގްބޯއީސް ޖެހި ގޯލު ޖަހަން އެ ޓީމަށް ބޯޅަ ދިނުމުން ގިނަ ފާޑުކިޔުންތަކެއް ލިންގާޑަށް ވަނީ އަމާޒުކޮށްފައެވެ.

އިތުރު ވަގުތުގެ ފަހު މިނިޓްގައި ޔުނައިޓެޑްގެ ލޫކް ޝޯ އަތުގައި އޭރިއާތެރެއިން ޖެހި ބޯޅަ އަށް ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ޖަހަން ކުޅެން އެރުވީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކް ނޯބަލްއެވެ. އެކަމަކު އެ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް