އަހްމަދު އިބްރާހީމް ގަޔަށް ހޫނުފެން ޖެހީ އެ ގޮޅީގައި އޮތް އެހެން ގައިދީއެއް!

މާފުށީ ޖަލު ---

މާފުށީ ޖަލުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ގަޔަށް ހޫނުފެން ޖެހީ އޭނާގެ ގޮޅީގައި އޮތް އެހެން ގައިދީއެއް ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން މިހެން ބުނީ އެ ގައިދީ ގަޔަށް ހޫނުފެން ޖެހުމުގައި ކަރެކްޝަން މުވައްޒަފުންގެ އަތެއް ވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ކަރެކްޝަން މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މީގެ ތިން ދުވަސް ކުރިން ދެ ގައިދީންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. ޔުސްރީން ވިދާޅުވީ އެ ހާދިސާގައި ފިހުނު ގައިދީއަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހާދިސާއާ ބެހޭގޮތުން އިތުރު މައުލޫމާތު މިވަގުތަށް މީޑިއާއަށް ހާމަކުރެވެން ނެތް ކަމަށެވެ.

އެ ހާދިސާގައި ފިހުނު ގައިދީގެ އާއިލާ މެމްބަރަކު ބުނީ، އަހްމަދު އިބްރާހީމް ގޮޅި ތެރޭގައި ނިދާފައި އޮއްވާ ހޫނުފެން ކޮތަޅެއް އޭނާގެ ގަޔަށް ޖަހާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި މީހާ އެއްކޮށް ފިހިފައިވާ ކަމަށް އޭނާ މިއަދު އާއިލާއަށް ފޯނުން ގުޅައި، ރޮއެރޮއެފައި ކިޔައިދިން ކަމަށެވެ.

"މިއީތޯ ގައިދީންގެ ހައްގުތައް ބެލެހެއްޓޭ މިންވަރަކީ،" އަހްމަދު އިބްރާހީމްގެ އާއިލާ މެމްބަރު ބުނެފައިވެއެވެ.

ހއ. ހޯރަފުށީ އުންމީދީ މަންޒިލް، އަހްމަދު އިބްރާހީމް، ތަންފީޒު ކުރަމުން އަންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އަހްމަދު އިބްރާހީމް އުމުރަށް ޖަލަށް ލާން ހުކުމް ކުރީ މީގެ ހަ އަހަރު ކުރިން އިތުރު ދެމީހަކާ ބައިވެރިވެގެން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަހީނުކުރުމުގެ ކުށުގައެވެ.

comment ކޮމެންޓް