ފިޔަވަތީގެ ހާލަތު ބަލަން ދިއުމުން ކުށްވެރިވީ ސުޖާއު، މިއީވާ ސަރުކާރެއް: ޝިޔާމް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބައެއް ކަމުގައިވާ ފިޔަވަތީގައި އުފެދިގެން އުޅޭ މައްސަލަތަކުގައި އެންމެފަހުން ކުށްވެރިމިވީ މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މީގެ ތިން ދުވަސް ކުރިން ފެށިގެން ފިޔަވަތީގައި ހިނގަމުން އަންނަ ހަމަނުޖެހުން އިތުރަށް ގޯސްވުމުން، އެތަނުގެ އެތެރެއަށް ޝުޖާއު ވަދެގެން އުޅުއްވި މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސް ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ފިޔަވަތީގައި އަލިފާން ރޯވެ، އެތައް ކަމެއް ހިނގައިގެން ގޮސް އެތައް ވަގުތެއް ފާއިތުވީއިރުވެސް ޒިންމާ އުފުލަން ތިއްބެވި އެއްވެސް ބޭފުޅެއްގެ ހިލަމެއް ނުވެގެން ހުޅުމާލޭ ރައްޔިތުންގެ މަންދޫބު އެތަނަށް ވަޑައިގަތުމުން ކުއްވެރިވީ އެމަނިކުފާނު ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތި މައްސަލަ އިތުރަށް ގޯސްވެ، އެ ތަނުގައި ތިބި ކުދިންތަކެއް ފުރާޅުމައްޗަށް އަރައި މަގުމަތީގައި ތިބި މީހުންނާއި ދިމާލަށް ހަޑިހުތު އެއްޗެހިގޮވާ، އަދި އިމާރާތުގެ ބައެއްގައި އަލީފާން ރޯކުރިއެވެ.

މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު "ސަން"އަށް ވިދާޅުވީ ފިޔަވަތީގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ތަނުގެ ޖާގައަށްވުރެ، ކުދިންގެ އަދަދު ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ފިޔަވަތީގެ ޖާގަ އަކީ 80 ކުދިންގެ ޖާގަ ކަމަށެވެ. ނަމަވެސް އެ ތަނުގައި މިވަގުތު ވެސް 109 ކުދިން އެބަތިބި ކަމަށެވެ.

ފިޔަވަތި ހާއްސަކޮށްފައިވަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށެވެ. ނަމަވެސް އެ ތަނުގައި އެއަށްވުރެ ބޮޑެތި ކުދިން ވެސް އެބަތިއްބެވެ. ފިޔަވަތީގައި ތިބި ކުދިންގެ ތެރޭގައި ނަފުސާނީ ބަލި ކުދިން ވެސް ތިބިއިރު، އެކުދިންނަށް ދޭން ޖެހޭ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ބެހޭގޮތުން އެޑްވޮކޭޓިންގެ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ހައްގުތަކާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ކަށަވަރުކޮށްދިނުމަށް ދައުލަތަށް ގޮވާލާ ކަމަށެވެ.

އާކް އިން ބުނީ ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ފިޔަވތީގައި ތިބޭ ކުދިންނާ މެދު ނޭދެވޭ ގޮތް ގޮތަށް އަމަލުކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުން އަންނަ ކަމަށެވެ.

އެ ރިޕޯޓުތައް ލިބެމުން ދަނިކޮށް ފިޔަވަތީގައި ކުދިން ބަލަހައްޓާނެ އެއްވެސް ފަރާތެއް ނެތި އެ ކުދިން ފުރާޅު މައްޗަށް އަރައިގެން އުޅުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް އާކް އިން ބުނީ އެ ކުދިންނާމެދު ބަލައި ނުގަނެވޭ ފަދަ ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ، ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "ފިޔަވަތި" އަކީ، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި ހަމަޖެއްސީ 2016 އޮގަސްޓު 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް