ހުރިހާ ސްކޫލެއް ބައިވެރިވާ ކޮންފަރެންސެއް މާދަމާ

އޮގަސްޓް 10، 2021: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހުރިހާ ސްކޫލެއް ބައިވެރިވެގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވަރޗުއަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް" މާދަމާ އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މި ކޮންފަރެންސް އަކީ ޔުނައިޓެޑް ނޭޝަންސް/އެކުވެރި ދައުލަތްތަކާއި(އ.ދ) ބެހޭ ގޮތުން ސްކޫލް ދަރިވަރުންނަށް މަޢުލޫމާތުދީ ހޭލުންތެރިކޮށް، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ)ގެ 76ވަނަ ދައުރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުން ބައިވެރިވެގެން ބާއްވާ އ.ދގެ ޖެނެރަލް އެސެމްބްލީގެ ނަމޫނާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވާޗުއަލް ކޮށެވެ.

ސަރުކާރު ސްކޫލްތަކާއި ރާއްޖޭގައި ހިންގާ އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް ޖުމްލަ 219 ސްކޫލަކުން މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ފެށިގެންދާނެ މި ނަމޫނާ ބައްދަލުވުން ޕީ.އެސް.އެމްގެ ޓީ.ވީ.އެމް ޗެނަލުން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ކޮންމެ ސްކޫލަކުންވެސް ކޮންމެވެސް އެއް ގައުމެއް ތަމްސީލް ކުރާނެއެވެ. އަދި ކަނޑައެޅިފައިވާ ގައުމުތަކަކުން، އެ ގައުމުތަކުގެ މައްސަލަތައް ބައްދަލުވުމުގެ ރިޔާސަތަށް ހުށައަޅާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް