އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ސްކޫލްތައް ހުޅުވައިލައިފި

ކާބުލްގެ ކިޔަވާ ކުދިން-- ފޮޓޯ/ވޮށިންގްޓަން ޕޯސްޓް

އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ސާނަވީ އަދި މަތީ ސާނަވީ ސްކޫލްތައް ހުޅުވާލައިފިއެވެ.

ތާލިބާނުން މިދިޔަ މަހުގެ ތެރޭގައި އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އެގައުމުގެ ގިނަ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އެ ޖަމާއަތުންވަނީ ސްކޫލްތައް ހުޅުވާލުމުގެ ގޮތުން އިއުލާނެއް ނެރެފައެވެ.

"ހުރިހާ ފިރިހެން ކުދިން އަދި ފިރިހެން ޓީޗަރުން ސްކޫލަށް ހާޒިރުވާންޖެހޭނެ،" އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި އަފްގާނުގެ އަންހެން ކުދިންގެ ވާހަކައެއް ބުނެފައި ނުވެއެވެ. އޭގެ ސަބަބުން ގިނަ މީޑިއާތަކާއި އާންމުންވަނީ އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑަކީ ފިރިހެން ކުއްޖެއްނަމަ، އަޅުގަނޑުގެ ދައްތައަށް ސްކޫލަށް ނުދެވޭ ހާލަތެއްގައި އަޅުގަނޑުވެސް ސްކޫލަށް ނުދާނަން،" އަފްޣާން އަންހެން ޓީޗަރެއް ކަމަށްވާ ކުދްސިއާ ކަންބަރީ ބުންޏެވެ.

ތާލިބާނުން އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުގެ ކުރިން އެގައުމު ދޫކޮށް ގޮސްފައިވާ ނޫސްވެރިއެއްކަމަށްވާ އާރްޔަން އަރޫން ބުނީ އަންހެން ކުދިންނަށް ސްކޫލަށް ނުދެވޭގޮތް ހެދުމަކީ އެކުދިން ދިރިތިއްބާ ވަޅުލުން ފަދަކަމެއް ކަމަށެވެ.

ނަމަވެސް ތާލިބާނުން ބުނީ އެ ޖަމާއަތުން އަންހެން ކުދިންނަށްވެސް އުނގެނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

"ތާލިބާނުން އަންހެން އަދި ފިރިހެން ކުދިންނަށްވެސް ތައުލީމު ފޯރުކޮށްދޭން މަސައްކަތްކުރާނެ،" ތާލިބާންގެ ތަރުޖަމާނެއް ކަމަށްވާ ބިލާލް ކަރިމީ ބުންޏެވެ.

ތާލިބާނުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވަގުތީ ގޮތުން އިސްކޮށް ހުންނަވާ އަބްދުލް ބާގީ ހައްގާނީވެސް ވަނީ އެމީހުންގެ ސަރުކާރުން އަންހެން ކުދިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައިއެވެ. ނަމަވެސް އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް އެއް ކްލާހެއްގައި ކިޔެވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައިއެވެ.

މިދިޔަ ހުކުރު ދުވަހު ތާލިބާނުން ނެރުނު އިއުލާނުގައި އަންހެން ކުދިންނަށް ސްކޫލަށް ދެވޭނެ ކަމަށް ބުނެފައި ނެތީ ކީއްވެގެންކަމާ ބެހޭ ގޮތުން ބިލާލް އެއްޗެކޭ ނުބުނެއެވެ.

އަފްޣާނިސްތާނުގެ ބައެއް ހިސާބުތަކުގައި ބައެއް ޕްރައިމަރީ ސްކޫލްތައް މިހާރުވެސް ވަނީ ހުޅުވާފައެވެ. އަދި ގްރޭޑް ހަޔެކުން ދަށުގެ ކްލާސްތަކަށް އަންހެން ކުދިންވެސް ހާޒިރުވަމުންދެއެވެ.

މީގެ އިތުރުން ޔުނިވާސިޓީތައް ހުޅުވާފައިވާ އިރު ބައެއް އަންހެން ދަރިވަރުން ދަނީ ޔުނިވާސިޓީ ކްލާސްތަކަށްވެސް ހާޒިރު ވަމުންނެވެ.

comment ކޮމެންޓް