އައްޑޫ ސިޓީގެ ކާފިއު މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކާފިއު ހިންގާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު ހިންގަން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ރަށްތައް މޮނިޓަރިންއަށް ލުމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވަ ބަޔާނެއްގައިވާ ގޮތުން އައްޑޫގައި ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނި އަންގާފައިއެވެ.

އެހެންކަމުން ކާފިއުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ރެއެއްގެ 21:00 އިން ފެށިގެން ފަތިހު 04:00ގެ ނިޔަލަށް ބޭރަށް ނުކުތުން މަނާ ކުރުން ހިމެނެއެވެ.

އެ ވަގުތު ތަކުގައި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) ގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭނީ ރޭގަނޑު 21:00 ގެ ނިޔަލަށް ކަމަށާއި އައްޑޫ އީއޯސީގެ ހުއްދައާއި އެކު ރޭގަނޑު 00:00 އާ ހަމައަށް އެފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ހަމައެއާއެކު ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ 21:00އާ ހަމަޔަށް ކަމަށާއި އައްޑޫ އީއޯސީގެ ހުއްދަޔާއެކީ ޑެލިވަރީ ކުރެވޭނީ 22:00 އާ ހަމަޔަށް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އާންމުކޮށް ބޭއްވޭ ޕާޓީތަކާއި އެއްވުންތައް ބޭއްވުން ކައުންސިލުންވަނީ މަނާކޮށްފައެވެ.

އައްޑޫގެ މޮނިޓަރިންއަށް ލާފައިވާ ރަށްތަކުން މީހުންނަށް ފުރޭނީ އީއޯސީގެ ހުއްދަ ހޯދުމުންނެވެ. އަދި ދަތުރު ކުރުމަށް ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ވާނެއެވެ.

އައްޑޫ ސިޓީން އިއްޔެ ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 224އަށް އަރައިފައިއެވެ.

އައްޑޫން މިހާތަނަށް 1،237 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 1،010 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި އެ ސިޓީން ބަލީގައި ތިން މީހަކު މަރުވެފައިވެއެވެ.

comment ކޮމެންޓް