މާލޭ ސިޓީގެ ބުލޮކް ވެރިއަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލޭ ސިޓީގައި އައްޔަންކުރާ ބުލޮކް ވެރިއަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބުލޮކް ވެރިއަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 17ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކުރިން އެކަމަށް ކަނޑައެޅި ސުންގަޑިއަކީ މި މަހުގެ 16ވަނަ ދުވަހެވެ.

ސިޓީ ކައުންސިލުން ބުނީ ބުލޮކް ވެރިއަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކުރީ އެކަމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.

އެ އިންތިހާބުގައި ބައިވެރިވެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުމުގެ އިތުރުން ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން ހިމެނެއެވެ.

އޭގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހުރި މީހެއް ކަމުގައި ނުވުންވެސް ހިމެނެއެވެ.

ބްލޮކް ލީޑަރުން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯ އާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް