އައްޑޫގައި އަމަންއަމާންކަން ގާއިމު ކުރުމަށް ފުލުހުންނަށް ދަތިތަކެއް

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައްކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި އައްޑޫގައި އެންމެ ފަހުން ހިންގި މާރާމާރީތަކާ ގުޅިގެން ވެސް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ [ގޭންގު މާރާމާރީތަކާ] ގުޅިގެން އަޅުގަނޑުމެންގެ ކުއްލި ޖަލްސާއެއް ވެސް ބާއްވާފައިވަނީ. އެކަމާ ގުޅިގެން ޕޮލިހާއެކު ވެސް މަޝްވަރާކުރެވިފައިވަނީ،" ޝުއާއު ވިދާޅުވިއެވެ.

ޝުއާއު ވިދާޅުވީ އައްޑޫގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ދިމާވާ ދަތިތައް ކައުންސިލާ ހިއްސާކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ވަސީލަތްތަަކުގެ ގޮތުން ކުރިމަތިވާ ދަތިތައް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ އަދަދު މަދުވުމަކީ ވެސް ގޮންޖެހުމެއްކަމަށް ޝުއާއު ވިދާޅުވިއެވެ.

"ގުޅިފައިވާ ރަށްތަކުގައި ފުލުހުންގެ އެންމެ ވެހިކަލެއް މި އޮންނަނީ. މިއަދު ވެސް ޕޮލިސް ކޮމިޝަނަރާ ވާހަކަ ދެއްކިއްޖެ. ވިދާޅުވީ އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުލުހުން ފާހަގަކޮށްފައިވާ ދަތިތައް ހިމެނޭ ރިޕޯޓެއް ރައީސް އޮފީހަށް ވެސް މިހާރު ފޮނުވައިފައިވާކަމަަށެވެ. އެ ރިޕޯޓުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ވެސް ހިއްސާކޮށްފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މާރާމާރީގެ މައްސަލަތައް އިތުރުވާން ދިމާވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންްނަކަމަަށް ޝުއާއު ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކުން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ސްކޫލްތަކުގެ ކުދިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިވަގުތު މި އޮތް ކަމަށް އަޅުގަނޑުމެން އެޓެންޑުވާން އެބަޖެހޭ. ފުލުހުންގެ އެހީތެރިކަމާއެކު ރަށުގެ އަމަން ބެލެހެއްޓުމަށް ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް ފުލުހުންނާއެކު މަޝްވަރާކުރަން އެބަ. މާދަމާ ވެސް މަޝްވަރާ ކުރާނަން،" ޝުއާއު ވިދާޅުވިއެވެ.

ޝުއާއު ވިދާޅުވީ އައްޑޫ ސިޓީގެ އަމަން ބަލަހައްޓާ، އެ ސިޓީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ސިޓީ ކައުންސިލާއި އެ ސިޓީގެ ފުލުހުން ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ.

އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު އެކަނި ވެސް ވަޅިން ހަމަލާ ދިނުމުގެ ސީރިއަސް ދެ ހާދިސާއެއް ވަނީ ހިންގާފައެވެ.

comment ކޮމެންޓް