ނަޝީދަށް އެމްޑީޕީން ރަނިންމޭޓަކު ނުވި: ޑރ. ވަހީދު

ދެހާސް އަށް ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި މިހާރުގެ ރައީސް، ޑރ. ވަހީދު ނުކުމެވަޑައިގަތީ ނަޝީދަށް އެމްޑީޕީން ރަނިންމޭޓަކު ނުލިބިގެން ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށާއި "އަޅުގަނޑު އަންހެނުން ކައިރީގައި ]އެކަމަށް[ އާދޭސް" ކުރެއްވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ އަށް ލިބުނީ 25 ޕަސެންޓް ވޯޓުކަން އެއީ މި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެނގޭނެ ހަގީގަތެއް ކަމަށާއި ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ، ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ބައިވެރިވެވަޑައިގެން، ކޯލިޝަނަކުން ކަމަށެވެ.

"އެ އިންތިޚާބަށް އަޅުގަނޑުމެން ދިޔައީ ވަޢުދުތަކަކާ އެކީގައި، ކޮންޓްރެކްޓްތަކެއް ހަދައިގެން. ނަމަވެސް، އިންތިޚާބު ކާމިޔާބުވުމަށް ފަހުގައި، ނަޝީދު ނިންމެވީ، މި ވެރިކަމަކީ ތިމަންނަގެ އަމިއްލަ ވެރިކަމެކޭ. ދެން ތިބި މީހުންނަކީ ބޭނުން ބައެއް ނޫނޭ، ވިދާޅުވެ، އެންމެން ބޭރުކޮށްލީ،" ރައީސް ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ ކޯލިޝަންގައި ހިމެނުނު ޕާޓީތައް ބޭރުކޮށްލި އިރު، ނަޝީދަށް އިންތިހާބު ކާމިޔާބު ކުރެވުނު ގޮތް ފަހުން ހަދުމަފުޅު ނެތުނު ކަމަށާއި މިއަދު ނަޝީދަށް ހަގީގަތުގައި ކުރިމަތިވެވަޑައިގަން ކަމަކީ އެއީ ކަމަށެވެ.

"މި ބޭފުޅާއަކަށް އިންތިޚާބެއް ކާމިޔާބެއް ނުކުރެވެޔޭ. އިންތިޚާބު ކާމިޔާބުކުރީ އެތައް ބައެއްވެގެން. މި ޤައުމުދެކެ ލޯބިވާ، މިޤައުމުގެ އަގުހުރި އެތައް ދަރިންތަކެއް އެއްވެގެން، އެ އިންތިޚާބު ކާމިޔާބުކުރީ. އެކަން ހަނދުމަފުޅު ނެތުނީމާ، ދެން ވާންވީ ގޮތް އެވެގެން އެދިޔައީ،" ރައީސް ވަހީދު ވިދާޅުވި އެވެ. "އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެންމެން ބޭރުކޮށްލުމަށް ފަހުގައި، ދެން ވެރިކަން ކުރައްވަން ފެއްޓެވީ ޚުދު މުޚްތާރު ވެރިން، ވެރިކަން ކުރައްވާ ގޮތަށް. އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތެއް ނޫން އެހެން އެއްވެސް ގޮތެއްނެތި. އެއްވެސް މީހެއްގެ ނަޞޭޙަތެއް ގަބޫލު ކުރެއްވުމެއް ނެތި. މިގޮތަށް މަސައްކަތް ކުރައްވަމުން ގޮސް، އުނދަގޫ ކޮންމެ ކަމަކާ ދިމާވާއިރަށް، ހަރުކަށިވެވަޑައިގަންނަވައިގެން، ތަފާތު ކަންތައްތަކެއް ކުރައްވަމުން ގެންދެވި. އޭގެ ތެރޭގައި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުން. ސިޔާސީ ދެ ޕާޓީއެއްގެ ލީޑަރުން، ޤާނޫނާ ޚިލާފަށް ބަންދުކޮށްފައި ބޭތިއްބުން. ދެން އެއަށް ފަހުގައި އައިސް، ކުއްލިއަކަށް މުޅި ވަޒީރުންގެ މަޖިލިސް އިސްތިޢުފާދޭން އެންގެވި. މިއީ ދުވަހަކު މީހަކު ކުރާކަހަލަ ކަންތަކެއް ނޫން. ދުނިޔޭގެ އެއްވެސް ތަނެއްގައި މީހަކު ކޮށްފައި އޮތް ކަމެއް ނޫން މިއީކީ. ހަމަ އެގޮތަށް މިބޭފުޅާ ނިންމެވީ، ކުއްލިއަކަށް އިސްތިޢުފާ ދެއްވަން އަމިއްލަފުޅަށް މިފަހަރު،"

ރައީސް ވިދާޅުވީ އެ ހަގީގަތް އެމްޑީޕީގެ ބޭފުޅުންނަށް ވެސް މިހާރު ވިސްނިވަޑައިގަންނަވަން ޖެހޭ ކަމަށާއި ކުރީގެ ރައީސް ނަޝީދަކީ "ބުއްދި ހަމަޖެހިވަޑައިގަންނަވާ ބޭފުޅެއްތޯ" ސުވާލު އުފެދޭ ކަމަށެވެ.

"މީނަގެ ހުރި ނުބައި ނުލަފާކަން ދައްކާލުމަށް ޓަކައި، މީނަގެ ޕާޓީ ނޫން އެހެން މީހުންނަށް ކުރެއްވި ޖެއްސުމުގައި، އެންމެ ފުރަތަމަ ޖެއްސުން ކުރެއްވީ އަޅުގަނޑަށް. ދެން ހުރިހާ ބޭފުޅުންނަށް ވެސް، އެހެން ޕާޓީ ހުރިހާ ބޭފުޅުންތަކަށް ޖެއްސުން ކުރެއްވީ. ހަމައެކަނި ޖެއްސުންކޮށްލާފައި ނިންމާލާނަމަ އެންމެ ރަނގަޅުތާ. މިއަދު އަޅުގަނޑުމެންނަށް މިއަތޮޅުން މިފެނުނު މަންޒަރު މިއީ އަޅުގަނޑުމެން ކަރުނަ އަޅަންޖެހޭ މަންޒަރުތަކެއް،" އައްޑު އަތޮޅުގައި ރޯކޮށްލާފައިވާ ތަންތަނަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އައްޑު އަތޮޅުގެ ތަންތަނަށް ދީފައިވާ ގެއްލުންތަކަކީ ގައުމެއްގެ ވެރިކަން ކުރެއްވި ބޭފުޅަކު އެ ބޭފުޅެއްގެ ދަށުގައި ތިބި ބަޔަކު ލައްވައި ކުރުވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ދަންނަވަންތޯ، ދިވެހި ޤައުމުގެ ވެރިއަކަށް ހުރި މީހަކު، އެއްވެސް ޤައުމެއްގެ ވެރިއަކަށް ހުރި މީހަކު، އެމީހެއްގެ ދަށުގައި ތިބި ބަޔަކު ލައްވައި ނުކުރާވަރުގެ ބޮޑު ޖަރީމާއެއްގެ ކަންތައް އަޅުގަނޑުމެން މިއަދު މިދުށީ. ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު ދެވަނަ އާބާދީގެ އެންމެންގެ ޙައްޤުތައް އަންދާލީ. މިއަދު އަޅުގަނޑު ހިތަދޫ ކޯޓަށް ވަދެފައި، އަޅުގަނޑުގެ ހިތަށް އެރި، މިތާނގައި އަޅިއަށް ވެފައި މިހިރަ ފައިލްތަކަކީ މިއީ ތިޔަ ހުރިހާ ރައްޔިތުންގެ ޙައްޤުތަކޭ. ތިޔަ ހުރިހާ ބޭފުޅުންގެ ކައިވެނީގެ ސެޓްފިކެޓްތަކާއި، ބިންބިމުގެ ރަޖިސްޓްރީ އާއި ތިޔަ ބޭފުޅުންނަށް ތިޔަ ބޭފުޅުންގެ ކާބަފައިންގެ ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ ހިބައެއްވާ ނަމަ، އެ ހިބައަކާ، މިހުރިހާ އެއްޗެއް އަނދާ އަޅިއަށްވެފައި އެހެރީ. ރައްޔިތުންދެކެ ލޯބިވާ މީހަކު، މިވަރުގެ ކަމެއް ކުރާނެތޯ. މިއަދު އަޅުގަނޑުމެންނަށް މިއަތޮޅުން މި އަންދާލާފައި މިހިރަ ރައްޔިތުންގެ ޢިމާރާތްތަކުން ފެނިގެން މިދަނީ، އަޅުގަނޑު ދަންނަވާނީ ދުވަހަކު ވެސް ދިވެހިރާއްޖޭގައި އަދި މިހާތަނަށް ނުފެންނަ މަންޒަރޭ،" ރައީސް ވަރަށް ސާފު އިބާރާތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރު ޤައުމަކުން ޢުދުވާނީ ލަޝްކަރެއް އައިސް، މި ޤައުމު ފަތަޙަ ކުރާއިރުގައި ވެސް، އެވަރުގެ ކަމެއް ނުކުރާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ވެރިއަކަށް ހުރި މީހަކު، އޭނާގެ ދަށުގައި ތިބި މީސްމީހުންނަށް އަންގައިގެން، މިވަރުގެ ބޮޑު ޖަރީމާއެއް ހިންގާ ނިމިފައި، ދެން އަޅުގަނޑުމެންނަށް ކިހިނެއްތޯ ގަބޫލު ކުރެވޭނީ، މިއީ އަޅުގަނޑުމެންނަށް ހެޔޮއެދޭ މީހެއް ކަމަށް. އަޅުގަނޑުމެންދެކެ ލޯބިވާ މީހެއް ކަމަށް. މުޅި އާބާދީއެއްގެ ޙައްޤުތައް އެގޮތަށް ނަގާލައި، އެގޮތަށް އަންދާލުމަކީ، އެއީ އެންމެ ފަރުދަކަށް، ދެމީހަކަށް، ޢާއިލާއަކަށް ކުރެވުނު ޖަރީމާއެއް ނޫން. އެ ޖަރީމާއަކީ މުޅި އާބާދީއަކަށް ކުރެވުނު ޖަރީމާއެއް. ދަޢުވާ ކުރަން ޖެހޭނީ، މުޅި އިންސާނިއްޔަތަށް ޖަރީމާ ހިންގި ބައެއްގެ ގޮތުގައި." ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު