އާސެނަލާއި ލިވަޕޫލް މޮޅުވިއިރު، ސިޓީއަށް ޕޮއިންޓެއް

ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު މާނޭ އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި އާސެނަލް މޮޅުވި އިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ސައުތަމްޓޮންގެ އަތްދަށު ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މިރޭ ގިނަ މެޗުތަކެއް ވަނީ ކުޅެފައެވެ. އެގޮތުން ބާންލީ އަތުން 0-1 އިން ހޯދި މޮޅާ އެކު އާސެނަލް ލީގުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ތިން ޕޮއިންޓް ހޯދި އިރު، ކްރިސްޓަލް ޕެލަސް އަތުން 0-3 އިން މޮޅުވެ ލިވަޕޫލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

މިރޭ ކުޅުނު މެޗުގެ ނަތީޖާތަކަށްފަހު ލިވަޕޫލް އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މިއަދު ސައުތަމްޓޮންއާ ދެކޮޅަށް ކުޅުނު މެޗުގައި 0-0 އިން އެއްވަރުވި ސިޓީ ދެވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި، ހަތަރުވަނައިގައި އޮތް ޗެލްސީގެ އިތުރުން ފަސްވަނައިގައި އޮތް އެވަޓަންއަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ.

ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވުމަށްފަހު ޝެފީލްޑް ޔުނައިޓެޑް އަތުން ލިބުނު މޮޅަށްފަހު އާސެނަލް މިއަދުގެ މެޗަށް ނުކުތީ ހިތްވަރު ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ އޮތީ ބުނެފައެވެ. އެ ފޯރީގައި ކުޅެ ބާންލީ އަތުން އެ ޓީމު މިރޭ މޮޅުވީ މިފަހުން އެ ޓީމާއި ގުޅުނު މާޓިން އޮޑެގާޑް ޖަހައިދިން ގޯލުންނެވެ.

ސީޒަނުގައި އަންބީޓަން ރެކޯޑް ދަމަހައްޓަމުން އަންނަ ލިވަޕޫލުން މިރޭ ޖެހި ފުރަތަމަ ގޯލަކީ ފުރަތަމަ ހާފު ނިމެންދަނިކޮށް ސާޑިއޯ މާނޭ ކާމިޔާބު ކުރި ގޯލެކެވެ. މުހައްމަދު ސަލާހުގެ ގޯލުން ދެވަނަ ހާފުގައި ލިވަޕޫލުން ލީޑު ފުޅާ ކުރި އިރު މެޗު ނިމެންދަނިކޮށް އެ ޓީމަށް ތިންވަނަ ގޯލެއް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.

މީގެ އިތުރުންވެސް ފޯރިގަދަ އެހެން މެޗުތަކެއް މިރޭ ކުޅެފައިވާ އިރު، އަލަށް ކޮލިފައިވި ބްރެންޓްފޯޑުން ވަނީ ވުލްވްސް 0-2 އިން ބަލިކޮށް ތާވަލުގެ ނުވަ ވަނައަށް ޖެހިލައިފައެވެ. އަދި އެހެންމެ ނޯވިޗް ސިޓީ ބަލިކޮށް ވަޓްފޯޑް ވަނީ 10 ވަނައިގެ ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް