އެކްސިޑެންޓެއްގައި ޗައިނާ މީހަކު މަރުވި މައްސަލާގައި ކުރި ދައުވާ ސާބިތެއް ނުވި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލިސް ގޭ ކުރިމަތިން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޗައިނާގެ މީހަކު މަރުވި މައްސަލާގައި ދައުލަތުން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި މއ. ރޯޒްމީޑް، އިބްރާހިމް ހައްފާފު މާލިކު ޢަބްދުއްރައްޒާގްގެ މައްޗަށް ދައުލަތުން ކުރީ އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 14:45 އެހައިކަންހާއިރު، ރައްޔިތުންގެ މަޖިލިސްކުރާ ގޭ ދޮރުމަތިން ޗައިނާގެ ރައްޔިތެއްކަމުގައިވާ ޖިއާ ތައި ޒުހޫ ގެ ގައިގާ އޭނާ ދުއްވި ސައިކަލުން ޖެހި އެކްސިޑެންޓްވެ، ހިނގި ހާދިސާގައި ޖިއާ މަރުވި މައްސަލާގައެވެ.

އެމީހާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ދައުލަތުން ކުރި ދައުވާގައިވާގޮތުން ހައްފާފް ސައިކަލް ދުއްވީ ލައިސަންސް ނެތިއެވެ. އަދި މެދުޒިޔާރަތްމަގުގައި އޭނާ ސައިކަލް ދުއްވީ ބަލަންވާވަރަށް ނުބަލައި ކަމަށް ވެސް ދައުވާގައިވެއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކެއް ތަހުގީގު މަރުހަލާގައި ހައްފާފުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށެވެ. އެގޮތުން، ހައްފާފުގެ މައްޗަށް ކުރި ތުހުމަތު އެނާއަށް އަންގައިފައި ނުވާ ކަމަށް ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ޖިއާއަށް އަނިޔާ ވެފައިވަނީ ހައްފާފު ކުރި އަމަލެއްގެ ސަބަބުން ކަމަށް ދައުލަތުން ހުށައެޅި ހެކިތަކާއި ގަރީނާތަކުން ސާބިތުނުވާކަމަށް އެ ހުކުމްގައިވެއެވެ.

comment ކޮމެންޓް