އެމްޕީއެލްގެ ހިޔާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލު ކުރަނީ

އެމްޕީއެލްގެ 35 ވަނަ އަހަރީ ޖަލްސާގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓުތައް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރެވޭވަރު ވާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 35 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހިޔާ ފްލެޓުތަކަކީ އެމްޕީއެލްއިން މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ނިންމަން ކުރިން ކަނޑައެޅި ތާރީހަށްވުރެ ލަސްވީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ކަމަށެވެ.

"ޕެންޑެމިކްގެ ފުރަބަންދާ ގުޅިގެން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ވީނަމަވެސް މި މަޝްރުއޫ އަންނަ އަހަރު ކުރީކޮޅު ނިމި، މުއައްޒަފުންނަށް ފްލެޓު ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫއަކީ އެމްޕީއެލްއިން 566.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންގެންދާ 15 ބުރީގެ ތިން އިމާރާތެކެވެ.

އެމްޕީއެލްގެ މި މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމުމަށް ހަމަޖެހިފައި ވީ ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި މި އަހަރުގެ އޮގަސްޓު މަހަށް ފަސްކުރިއެވެ. އަދި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އެ ތާރީހު އަނެއްކާވެސް މި އަންނަ އަހަރުގެ ކުރީ ކޮޅަށް ލަސްވީއެވެ.

މީގެ އިތުރުން އެ ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޕީއެލްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ދެމުންދާ ހިދުމަތްތަކާއި ގުޅޭ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު މުވައްޒަފުންނަށް ފަހި ކޮށްދެމުންދާ ކަމަށާއި އެ ފުރުސަތުތަކުގެ ދަށުން މުވައްޒަފުން ތަމްރީނު ކުރުމާއެކު ސްކޮލާޝިޕްގެ ހިދުމަތްވެސް ހަ ފަރާތަކަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭލެވެލް އިމްތިހާނުން އެންމެ މަތީ ފާސް ހޯދާ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކޮންމެ އަހަރަކު ޑިގްރީއާ ހަމައަށް އެމްޕީއެލްގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް