ކޮވިޑްގެ ހާލަތުގައި ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެއަށް: ނައިބު ރައީސް

އެމްޕީއެލްގެ 35 ވަނަ އަހަރީ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ ނިސްބަތުން ބަލައިފި ކަމުގައި ވަނީނަމަ ކޮވިޑުގެ ދަތި ހާލަތުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމަކަށް ރާއްޖެ ވާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލްގެ ހޯލްގައި ރޭ ބޭއްވި އެމްޕީއެލްގެ 35 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި އެންމެން އެކުގައިކުރި މަސައްކަތްތަކަކީ ފާހަގަ ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެ މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުއެވެ.

"އަޅުގަނޑުމެންނަށް ދިމާވީވެސް އަޅުގަނޑުމެން ހީކުރިކަހަލަ ކަމެއް ނޫން. ދުވަހަކުވެސް އަޅުގަނޑުމެން ތަޖުރިބާ ކުރިކަހަލަ ކަންތައްތަކެއް ވެސް ނޫން. ކުރިއަށް އޮތް ތަނުގައި ގެއްލުނު ބައި ހޯދުމަށްޓަކައިވެސް ކުރިން ނުކުރާ ކަންތައްތައްވެސް އަޅުގަނޑުމެން ކުރަން ޖެހިދާނެ،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ހަރަދު ކުޑަ ކުރުމާއި އިސްރާފު ކުޑަކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިއަދު އިތުރަށް ވިސްނައި ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއްކަމަށެވެ.

"އަޅުގަނޑުމެން އަތުން އެތަށް ބިލިއަނެއް ގެއްލިގެން ގޮސްފައިވޭ. މި ދުނިޔެއާއި އެތަށް ބަޔަކު ވަކި ވެގެން ގޮސްފައިވެސް އެބަވޭ. އަދިި އެތައް ކުއްޖެއް ވަނީ ފުރިހަމަ ސުކޫލުން ލިބޭ ތައުލީމުން މަހުރޫމު ވެފައި. މިކަންކަމުން އަރައިގަތުމަށް އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަންޖެހޭ އަދި ރައްޔިތުން ގަބޫލުކުރަންޖެހޭ ޚިދުމަތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޕީއެލްގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި މާލެ ސަހަރައްދުގައި ގާއިމްކުރަން ނިންމާފައިވާ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް