ތިން އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރަސީއަށް ކުރިމަތިވީ ނުރައްކާތެރި ގޮންޖެހުންތަކެއް: ރައީސް

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވީ ވަރަށް ނުރައްކާތެރި ގޮންޖެހުންތަކެއް ކަމަށާއި މިހާރު މިތިބީ އެ ގޮންޖެހުންތައް ފިލުވާލަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫސިޓީ އަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑު އަތޮޅު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޑިމޮކްރަސީގެ ގަޑި ފަހަތަށް އަނބުރާލާކަށް ނޫނެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޑިމޮކްރަސީއާގެން ކުރިއަށްދާށެވެ. އެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މީހުން ރޭގަނޑު ނިދާފައި ތިއްބައި، ދަންވަރު ވަގަށް ނަގައިގެން ގެންގޮސް ގެއްލުވާލުން އެއީ، ޑިމޮކްރަސީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން އެންމެ ބޮޑަށް އަގުކުރި އެއްކަމަކީ، ބިރުން ސަލާމަތްވުން. ބިރުން މިނިވަންވުން. ވާހަކައަކީ އަޅުގަނޑުމެން ނިދާފައި ތިއްބައި ނަގައިގަނެގެން ގެންގޮސް، ޖަލަށް ނުލާނެ ކަމުގެ ޔަޤީންކަން ލިބުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެންމެފަހުން އައިސް، ރައީސް ނަޝީދުގެ ވެރިކަމުގައި، އެ މިނިވަންކަން، އެ ޙައްޤު، އެ ޔަޤީންކަން އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑުއަތޮޅަށް ދީފައިވާ ގެއްލުންތައް ވަރަށް ބޮޑަށް ކުށްވެރިކުރެއްވި އެވެ. އަދި އައްޑުއަތޮޅުން އަންދާލާފައި ހުރި ރައްޔިތުންގެ ޢިމާރާތްތަކުން މިއަދު ފެނިގެން މިދަނީ ދިވެހިރާއްޖޭގައި ދުވަހަކު ވެސް އަދި މިހާތަނަށް ފެނިފައިނުވާ މަންޒަރެއް ކަމަށާއި ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ދެވަނަ އާބާދީގެ އެންމެންގެ ޙައްޤުތައް މިވަނީ އަންދާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މުޅި އާބާދީއެއްގެ ޙައްޤުތައް އެގޮތަށް ނަގާލައި އެގޮތަށް އަންދާލުމަކީ، އެއީ އެންމެ ފަރުދަކަށް، ދެމީހަކަށް، ޢާއިލާއަކަށް ކުރެވުނު ޖަރީމާއެއް ނޫން ކަމަށާއި އެ ޖަރީމާއަކީ މުޅި އާބާދީއަކަށް ކުރެވުނު ޖަރީމާއެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންވީމާ، އެއީ، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށާއި އެކަމަށް އޯޑަރު ދިން ފަރާތްތަކަށް ދަޢުވާ ކުރަން ޖެހޭނީ، މުޅި އިންސާނިއްޔަތަށް ޖަރީމާ ހިންގި ބައެއްގެ ގޮތުގައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެ ޢިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި ހެދި މީހުންނާ މެދު ދަޢުވާ ނުކުރުމަށް އެމްޑީޕީން އެދެމުންދިޔަ ކަމުގައިވިޔަސް، ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް، ކޮންމެ ޤައުމަކުން އައިސް، ކޮންމެ އެއްޗެއް ބުންޏަސް، އައްޑޫ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެން، ޖަރީމާ ހިންގާފައި ތިބި ހުރިހާ އެންމެންނާ މެދުގައި ޝަރީޢަތް ހިންގުމަށްޓަކައި އެޅުއްވެންއޮތް ހުރިހާ ބާރެއް އަޅުއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، މާގިނަ ދުވަސްތަކެއް ނުކޮށް، އައްޑޫގެ ޢިމާރާތްތައް އަލުން އާބާދުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އައްޑޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

މިއަދު ދިވެހިރާއްޖެ އަށް ބޭނުންވަނީކީ ބައިބައިކުރުމެއް ނޫންކަމަށް ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވަނީ ވަރަށް ފުން ވަޅުގަނޑުތަކެއް އުފެދިފައި ކަމަށެވެ. އެހެންކަމުން، މިއަދު މިޖެހެނީ، އެ ވަޅުގަނޑުތައް ބައްދައި އޮމާންކޮށްގެން ކުރިއަށް ގޮސް، އިންޞާފްވެރި، ހަމަހަމަ އިންތިޚާބެއް ބާއްވައިގެން، އަނެއްކާ ވެސް ކުރިއަށްދާށެވެ.

"އަޅުގަނޑުމެން ޑިމޮކްރަސީ ފަހަތަކަށް ނުޖައްސާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް، ޑިމޮކްރަސީ ފަހަތަށް ޖެއްސުމެއް ނެތް. ޑިމޮކްރަސީގެ މަސައްކަތުގައި އުޅެއުޅެ، އަޅުގަނޑުމެން މިވަރުވެފައި މިތިބީ. މިޤައުމުގެ ޑިމޮކްރަސީގެ ބައްޕައަކީ ނަޝީދެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެންނާ ދޭތެރޭގައި ޢަމަލުކުރައްވާނީ ހަމަހަމަކޮށް ކަމަށާއި އެމީހަކު ނިސްބަތްވާ ޕާޓީއަކަށް ކުލައަކަށް ނުބައްލަވާނެ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި އެންމެން އެއްބައިވެގެން، މިޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު