އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމް ކޮށްލައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފްލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:08ހާ އިރު ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގައި ކަން ފުލުހުން ހާމަ ނުކުރެއެވެ.

އެ މާރާމާރީގައި އަނިޔާވީ 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ މީހަކު މިއަދު 12:00ހާ އިރު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާއަށް އެމާޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް