މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދޭން ހުތުބާގައި ގޮވާލައިފި

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބެއް ދޭން ހުތުބާގައި ގޮވާލައިފިއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމާ ބެހޭ ގޮތުން މިއަދު އިއްވި ހުތުބާގައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމް ގައުމުތަކުގައި ނޫން ކަމަށް ބުނެފައެވެ. އަދި ވަރަށް ގިނަ ގައުމުތަކުގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

"މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގައި މިއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމް ގައުމުތަކުން އެކަންޏެއް ނޫން. ވަރަށް ގިނަ ޣައިރު މުސްލިމް ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭ. މިރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅައި، ތަންފީޒު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް،" ހުތުބާގައި ބުންޏެވެ.

އެހެންކަމުން މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި އެއްވެސް މިންވަރަކަށް އެހީތެރި ނުވުމަށާއި އެ ވަބާއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ނުރައްކާތެރިކަން ފާހަގަކޮށް ހުތުބާގައި ބުނީ އޭގެ ސަބަބުން މީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް ނުރަނގަޅު މެސެޖުތަކެއް ވާސިލުވެ، އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލިގެންދާ ކަމަށެވެ. އެއަށްފަހު މީހާ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހިވާ ކަމަށެވެ.

ހަމައެއާއެކު މުޖުތަމައުގެ ގިނަ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި އޭގެ ވިޔަފާރި އާއްމުވެފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

"މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް އާއިލާއެއް މަދު. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ހާއްސަ ކެފޭތައް ސިއްރިއްޔާތުގައި ހިންގުމަކީ މިއަދު ފެންނަން އޮތް ހިތްދަތި ހަގީގަތެއް،" ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާ ނިންމާލީ މަސްތުވާތަކެތީގެ ޝިކާރަައަކަށްވެފައިވާ މީހުން اللهގެ ރަހުމަތުން މާޔޫސް ނުވުމަށް ނަސޭހަތްތެރިވަމުންނެވެ. އަދި އެ ވަބާއިން ސަލާމަތްވުމަށް ވަރުގަދަ އަޒުމަކާއެކު ކުރިމަތިލުމަށް ހިތްވަރުދީ، އެފަދަ މީހުންނަށް، ހެޔޮ ހާލުގައި ތިބި މީހުން އެހީ ފޯރުކޮށްދިނުމަށް ހުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް