ހަނގުރާމަވެރިންގެ ޑައިރީ 1

ހަނގުރާމަވެރިންގެ ޑައިރީ --

بِسْــــــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْمِ

ހޫނު މޫސުމެއްގެ އެންމެ އަވިގަދަ ވަގުތެވެ. އިރުގެ ގަދަ އަލި ހިލަތަކަށް އެޅި ހައިބަވަންތަކަމާއެކު ވިދައެވެ.

ފަރުބަދަމަތީގެ ކުންނެއްގައި ހުއްޓިލައިގެން ހުރި އަރަބި ޒުވާނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ފެހިކަން ގަދަ ވާދީތަކަށެވެ. ފަރުބަދައިގެ ތިރީގައި ވިނަކާން ތިބި ޖަމަލުތަކަށްވެސް ދޭތެރެއަކުން ބަލައިލެވުނެވެ. މާ ދުރުނޫން ހިސާބަކުން ފެންނަން އޮތީ ގުދުސްގެ މާތް ބިމެވެ.

އިސްކޮޅުން މެދުމިނުގެ ޒުވާނަކަށް ވިޔަސް ވަރުގަދަ ހަށިގަނޑެއް އެ ޒުވާނާއަށް ލިބިފައިވިއެވެ. ފުޅާ މުލައްދަނޑިއެކެވެ. ނިތްކުރި ތަނަވަހެވެ. ކަޅުކަން ގަދަ ބުމައަކާއި ބޮޑު ކަޅު ދެލޮލުގެ ވެރިއެކެވެ. އަނގަ މަތި ފުޅާވެފައި ތުނބުޅީގެ ސަަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އުމުރުންވާނީ އަދި ފަންސަވީހަކަށް އަހަރެވެ.ކޮނޑުމައްޗަށް ދުނިދަނޑި ކީސާއަކާއި ދުނިދަނޑިއެއް ލައިގެން ހުރި އެޒުވާނާއަކީ އޭނަގެ އެކުވެރިން ބުނާގޮތުން އެއްވެސް މީހަކަށް އޭނައަށް މަކަރުހެދޭޒާތުގެ ފިރިހެނެއް ނޫނެވެ.

އޭނަ ވިޔަފާރި ގާފިލާއެއްގައި މައްކާއިން ފަލަސްތީނަށް މިދަނީ ރަގަޅު ވިޔަފާރިއެއް ކުރުމުގެ މަގުސަދުގައެވެ. އެ ގާފިލާގައި ތިބީ މުޅިންވެސް އޭނަގެ އެކުވެރިންނެވެ. ފަހަރަކު މީހަކު ޖަމަލުތައް ބެލެހެއްޓުމާއި ހަވާލުވަމުން އައިސް މިއީ އޭނައާއި ޖެހުނު ފަހަރެވެ.

ޖަމަލުތައް ވިނަކާ މަންޒަރު ދެކެން ހުއްޓާ ފަރުބަދަގަނޑުގެ އެއްފަރާތުން މިސްރުގެ މުސްކުޅިއަކު މައިނޭވާ ލަމުން ކުކުރަމުން އަރައިގެން އަންނަތަން ފެނުނެވެ. އަވިގަދަކަމުން ކަރުހިއްކައިގެންފާ ހުރި އެ މިސްރު މީހާ އެދުނީ ފެންފޮދަކަށެވެ. އަރަބިންގެ ހުންނަ ހިތްހެޔޮކަމާއި މެހުމާންދާރީ އަދާކުރުމުގެ ގޮތުން ނަންވެފައިވާތީ މިފަހަރުވެސް އަރަބި ޒުވާނާގެ ފެންހަމުން ފެންދީ އެމީހާގެ އާލާކަން ކަނޑުވާދިނެވެ. އޭނަގެ ކަރުހިއްކުން ފިލުމުން އެތާ ހުރި ގަސްބޮނޑިއެއްގެ ދަށުގައި އޮށޯވެ ދިގުދެމިލައިފިއެވެ. އިރުގަނޑަކުން ގުގުރީގެ އަޑުހަރުލައިފިއެވެ. އަރަބި ޒުވާނާ ޝައުގެއްނެތް ގޮތަކަށް އެ ދިމާލަށް ބަލައިލިއެވެ.

ކުއްލިއަކަށް ތަނުގެ ހާލަތު ބަދަލުވިއެވެ. މިސްރު މީހާ ނިދާފައި އޮތްތަނާއި ދާދި ކައިރީގައި ހުރި ހިލަގަނޑެއްގެ ބާކޮޅަކުން ހަރުފައެއްގެ ބޯ ދައްކާލައިފިއެވެ. އެއާއެކު ކުއްލި ހަރަކާތަކުން ބޭރަށް ދެމިގަތީ މާ ސިންގާ ހަރުފައެކެވެ. އަދި އެއާއެކު ދެފަރާތަށް ވަންނިލައްވަމުން އެ ސޮރު މިސްރާބުޖެހީ ސީދާ ނިދާފައި އޮތް މިސްރު މީހާއާއި ދިމާލަށެވެ. އަރަބި ޒުވާނާގެ ހަރަކާތްތައް މަދެވެ. އަވަހެވެ. ދުނިދަނޑިއަށް ދުނި ރުވާލުމާއެކު ވައިތެރޭ ފަތުއަޑުކަފާފައި ގޮސް އޭގެ އަމާޒަށް ވާސިލުވީ ހިނދު އެ ހަރުފަ މިސްރުމީހާއާއި ދާދި ކައިރިވެއްޖެއެވެ. އެ ދުނި އެސޮރުގެ ހަށިގަނޑު ފޫއަޅުވައިލިގޮތަށް ވޭނުގައި ތެޅެމުންގޮސް ހިލަގަނޑުގެ އެއްފަރާތުގައި އޮވެ ހަރަކާތްތައް ހިމޭންވިއެވެ.

އެސޮރުގެ ހަރަކާތްތަކުގެ އަޑު އެހާ ގަދަނުވީމަ މިސްރުމީހާގެ ފުން ނިދިން ހޭލެވޭނެގޮތެއް ނުވިއެވެ.

އޭނަގެ ގައުމުގައި ހިމެނޭ އެންމެ މޮޅު ދުނިއުކާ މީހުންގެ ތެރޭ ހިމެނޭ އަރަބި ޒުވާނާއަށް އެގޮތަށް ހަރަކާތްރިވާ އެއްޗަކަށް އަމާޒުކޮށް ދުނި ފޮނުވައިލުމާއިމެދު ދެވަނަ ވިސްނުމަކަށްވެސް ނުދާނެއެވެ. އޭނަގެ މަސައްކަތް ނިންމައިލުމަށްފަހު އަނެއްކާވެސް އޭނަގެ ނަޒަރު ޖަމަލުތަކަށް ހުއްޓުނެވެ.

މިސްރުމީހާއަކީ ފައްޅިއަކަށް އަޅުކަން ކުރަން އައި މެހުމާނެކެވެ. ކިހާ ފެންވަރެއްގެ ކޮން މަގާމެއްކަމެއް ނޭގެއެވެ. އޭނަ ހިތްފުރެންދެން ނިދިގަނޑެއް ޖަހައިލުމަށްފަހު ހަށިގަނޑަށް އަރާމުވިއެވެ. ތެދުވެ ވަށައިގެން ހޯދާލުމާއެކު ނަޒަރުގައި އަޅައިގަތީ އޭނައާއި ދާދިކައިރީގައި އޮތް ބޮޑު ހަރުފައެވެ. އޭތީގެ ގަޔަށް އަރާފައި ހުރި ދުންޏަށް ލޯ އަމާޒުވެ ހުއްޓިފައެވެ. މިސްރު މީހާ ހައިރާންކަމާއެކު އަރަބި ޒުވާނާއަށް ބަަލައިލަމުން ސުވާލުކޮށްލިއެވެ. އޭނަ ހަމައެކަނި ބުނެލީ އޭނަގެ ދުނިން ހަރުފަ މަރައިލީ ކަމުގައެވެ.

އޭނަ ކޮޅަށް ތެދުވުމާއެކު ލަސް ހިނގުމެއްގައި އައިސް އަރަބި ޒުވާނާގެ ބޮލުގައި ބޮސްދިނެވެ.

"މާތް ރަސްކަލާނގެ ކަލޭ މެދުވެރިކޮށް ދެފަހަރު އަހަރެންގެ ފުރާނަ ސަލާމަތްކޮށްދީފި. އެއްފަހަރު ކަރުހިއްކުމުން އަދި ދެވަނަފަހަރު މި ހަރުފައިގެ ކިބައިން..." މިސްރުމީހާ ބުނެލިއެވެ."ކީއްކުރަން މި ބިމަށް އައީ؟"

"އަހަރެންގެ އެކުވެރިންނާއެކު ވިޔަފާރިން ފައިދާއެއް ލިބޭތޯ...." އޭނަ ބުނެލިއެވެ.

"ވިޔަފާރިން ލިބޭނެ ފައިދާއިން ކޮން ކަމެއް ހާސިލުކުރަން އުއްމީދުކުރަނީ؟" އޭނަ ސުވާލުކުރިއެވެ.

"އިތުރު ޖަމަލެއް ގަންނަވަރަށް ފައިދާވޭތޯ. މިހާރު އަހަރެންގެ އަތުގައި ދެ ޖަމަލު އެބައޮތް. ތިން ޖަމަލު ހަމަކުރަން ބޭނުމީ..."

އޭނަ އިރުގަނޑެއްވާންދެން މި އަރަބި ޒުވާނާގެ މޫނަށް ބަލައިގެން ދަސްކުރާން މަސައްކަތްކުރިއެވެ. މި ޒުވާނާ ވެދިން އިހުސާންތެރިކަމުގެ ބަދަލުގައި ކޮށްދޭނެކަމަކާއިމެދު ވިސްނަމުން ސުވާލުކުރިއެވެ.

"ތިޔަބައިމީހުންގެ ތެރޭގައި މީހެއްގެ ފުރާނައިގެ އަގު އުޅެނީ ކިހާވަރަކަށްތަ؟"

"ސަތޭކަ ޖަމަލު..." އަރަބި ޒުވާނާ ބުނެލިއެވެ.

މުޅި އުމުރު ޝަހަރެއްގައި ހޭދަކޮށްފައިވާ މީހެއްކަމުން ޖަމަލުން އަގު ކުރާގޮތާއިމެދު އޭނައަށް އެއްވެސް އެއްޗެއް ނޭގެއެވެ.

"އަހަރެމެންނަކީ ޖަމަލުގެ މީހުނެއް ނޫން. ދީނާރުގެ މީހުން....." ދީނާރަކީ އޭރު ރަނުގެ ފައިސާ ފޮތްޗެވެ.

"އެހެންވިއްޔާ އެއް ހާސް ދީނާރު..." އަރަބި ޒުވާނާ ދާދި ފަސޭހައިން ހިސާބުކޮށްލައިފިއެވެ.

"އަހަންނަކީ މިހިސާބަށް ބީރައްޓެއްސެއް. މިތަނުގެ މުގައްދަސް ފައްޅިއަށް ގޮސް އަޅުކަންކޮށް މިހިސާބުގެ ފަރުބަދަމަތީގައި މައްސަރެއްވާންދެން ހިނގަން އަހަރެން އަހުދެއްކޮށްފައިވާތީ އެކަން ފުރިހަމަކުރުމުގެ ގޮތުން މިއައީ..އެ މަސައްކަތް ނިމި އަނބުރާ ދިޔުމުގެ ވަގުތު ޖެހިއްޖެ. އަހަންނާއެކު ރަށަށް ގޮއްސިއްޔާ މާތްރަސްކަލާގެ ގަންދީ ވައުދުވަން. ދެފުރާނައިގެ އަގު ކަލެއަށް ދޭނަން. ސަބަބަކީ ދެފަހަރު އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީތީ...." މިސްރު މީހާ ބުނެލިއެވެ.

"ކަލޭގެ ގައުމަކީ ކޮބައިތަ؟"

"މިސްރު. އަދި އަހަރެންގެ ޝަހަރަށް ދެވިފައިވާ ނަމަކީ އިސްކަންދަރިއްޔާ..." އޭނަ ބުނެލިއެވެ.

"އަހަންނަށް ތި ގައުމެއް ނޭގޭ އަދި ތިރަށަށް ގޮސްގެން ވާކަށްވެސް ނެތޭ.." އަރަބި ޒުވާނާ ކިޔާލައިފިއެވެ.

"އެ ޝަހަރަށް ވަދެއްޖެއްޔާ އުމުރު ދުވަހުވެސް މިފަދަ ތަނަކަށް ނާދެވެއޭ ހިތަށް އަރާނެ...." މިސްރުމީހާ ދޫނުކޮށް އަރަބި ޒުވާނާ ގެންދަން މަސައްކަތްކުރިއެވެ.

އަރަބި ޒުވާނާ ޖެހިލުންވިއެވެ. އާއްމުކޮށް އޭނަ ދަތުރުނުކުރާ މަގަކުން ގޮސް ނުދަންނަ ބީރައްޓެހި ޝަހަރަކަށް އަރަންވުމުން އެހާ ފަސޭހައިން އިތުބާރުކޮށް އެމީހާއާއިއެކު ދެވޭކަަށްވެސް ނެތެވެ. އެކަމަކުވެސް އޮޅުން ފިލުވުމުގައި ގޯހެއް ނެތެވެ.

"ކަލޭގެ އަހުދު ފުއްދާނަންތަ؟ ވައުދުވާނަންތަ؟"

"އާނ..." މިސްރުމީހާ ޔަގީންކަން ދިނެވެ."އަހަރެން މާތްރަސްކަލާނގެ ގަންދީ ބުނަން. ކަލޭ ސަލާމަތުން އެކުވެރިންނާއި ހަމަޔަށް ގެނެސްދޭނަން...."

"ކިހާ ދުވަހެއް މިކަމުގައިވާނެ؟" އަރަބި ޒުވާނާ ސުވާލުކުރިއެވެ.

"ދިހަދުވަސް ވާންދެން ދަތުރުކުރާނީ. ދިހަ ދުވަހު އަހަރެމެންނާއެކު ޝަހަރުގައި އުޅޭނީ. އަނެއް ދިހަ ދުވަހު އެނބުރި އައުމުގެ ދަތުރު. އަހަރެން ދަތުރުގެ ހުރިހާ ޒިންމާއެއް ނަގާނަން އަދި ސަލާމަތުން އެނބުރި އައުމަށް އެހެން އެހީތެރިއަކު ފޮނުވާނަން.."

އެވަރުންވެސް އަރަބި ޒުވާނާ އެކަމާއި ވިސްނަން ވަގުތު ބޭނުންވިއެވެ."މަޑުކުރޭ. އަހަރެން އެކުވެރިންނާއި ޚިޔާލު ބަދަލުކޮށްފައި އަންނާނަން.."

އަރަބި ޒުވާނާ އޭނަގެ އެކުވެރިން ގާތަށްގޮސް މިސްރު މީހާއާއި ދެކެވުނު ވާހަކަތައް ކިޔައިދިނެވެ. އޭނަ މިސްރަށް ގޮސްފައި އަންނާންދެން މައްސަރެއްވާންދެން މަޑުކޮށްލަދޭން އޭނަ އެދުނެވެ. މިސްރުން ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި އެމީހުންނާއި ހިއްސާކުރާނެއެވެ. އެމީހުން އެކަމާއި އެއްބަސްވެ އިތުރު އަރަތްބަކު އެ ދަތުރުގައި ބައިވެރިކުރަން ނިންމިއެވެ.

***

އަރަބި ޒުވާނާއާއި އޭނަގެ އެކުވެރިޔާ އަދި މިސްރު މީހާ ދިހަދުވަހުގެ ރާސްތާގެ ދަތުރުފެށިއެވެ.

އިސްކަންދަރިއްޔާއަށް ވަދެވުމުން އަރަބިން އާޝޯޚުވާވަރުވިއެވެ. ވަރުގަދަ ޝާހީ ގަނޑުވަރުތަކާއި ހިތްގައިމު އިމާރާތްކާއި މަގުމަތީގައިވި ގިނަ އަދަދެއްގެ މީހުން މުއްސަދިކަމާއި ޝަހަރުން ފެނުނު އެކި ނަސްލުގެ މީހުންވެސް ހައިރާން ކުރުވަނިވި ކަމަކަށްވިއެވެ. ގިނަ ތަންތަން ފެނި އެނގުނުވަރަކަށް ހައިރާންވެ ތަލިން ކުޅުހިކޭވަރުވިއެވެ. މިސްރުމީހާ ބުނިހެން އުމުރު ދުވަހު މިފަދަ ޝަހަރަކަށް އަދި އެރިފައެއް ނުވެއެވެ.

މިސްރު މީހާ އޭނައަށް ވެވުނު އެންމެ ރަގަޅަށް މެހުމާންދާރީ އަދާކުރިއެވެ. އެދުވަސްކޮޅަކީ އަދި އެމީހުންގެ އަހަރީ ފެސްޓިވަލްއެއް ފާހަގަކުރާ ދުވަސްކޮޅެކެވެ. އެންމެން އެއްވަނީ ބޮޑު ދަނޑެއްފަދަ ތަނަކަށެވެ. އަދި އެ ފެސްޓިވަލްގައި ހިންގާ އެކި ހަރަކާތްތަކުގައި ބީރައްޓެހި ކުޅިވަރެއް އެތަނުގެ މާތް މީހުން ކުޅެއެވެ. ހުރިހާ އިއްޒަތްތެރިންނާއި ރަސްދަރިކަލުންނާއި މާތް މީހުން އެއްވެ ނިމުމުން އެތަނުން އެކަކު ކުރިއަށް ޖެހިލާފައި ރަންކުލައިގެ ބޯޅައެއްގައި ޖެހީނުން ވައިގެ ތެރެއަށް ހޫރައިލަނީއެވެ. އެ ބޯޅަ ތިރިއަށް އަންނަންވާއިރަށް ކޮންމެ މީހަކުވެސް އެމީހެއްގެ އަތުކުރިއަށް އެ ބޯޅަ ހިފަން މަސައްކަތްކުރެއެވެ. ސަބަބަކީ އެބޯޅަ އަތުލެވޭ މީހަކު މިސްރުގެ ވެރިކަން ކުރުމަށްފަހު ނޫނީ މަރުނުވާނެކަމަށް އެމީހުން ގަބޫލުކުރާތީއެވެ.

މިސްރު މީހާ އަރަބި ޒުވާނާ ގޮވައިގެން އެ ފެސްޓިވަލްއަށް ޒިޔާރަތްކުރިއެވެ.

މާތް މީހުންގެ ތެރެއިން އެކަކު ކުރިއަށް ޖެހިލާފައި ރަން ބޯޅަ އުދުއްސާލުމާއެކު ވައިގެ ތެރެއަށް އަރައިގެން ދިޔައީ ފަޓާހެއް ފަދައިންނެވެ.އެންމެންވެސް އިންތިޒާރުގައި ތިބީ ބޯޅަ ތިރިއަށް އަންނާނެ އިރަކަށެވެ. އެ ބޯޅަ އޮމާންކަމާއެކު ގޮސް މަޑުޖެހިލީ އަރަބި ޒުވާނާގެ ލިބާހުގެ އަތުކުރީގައެވެ.

އިރުގަނޑެއްވާންދެން ކުޅިބަލަން ތިބި މީހުން ގެ ތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ. މިސްރުގައި ވެރިކަން ކުރަން ބޭނުންވެފައި އެކަމަށް އެދި އެދި ތިބި މީހުންނަށް އެ މަންޒަރުން ޝޮކެއްލިބި ބަސް ހުއްޓުނެވެ. ދެން އެމީހުން އެކަކު އަނެކަކަށް ވާހަކަދައްކަން ފެށިއެވެ.

"މިނޫނީ މި ބޯޅަ ނުބައިކޮށް ނިންމި ފަހަރެއް ނާދޭ. އަހަރެމެންނަށް އެ ބަދަވި މީހާ ވެރިކަން ކޮށްފާނެ މަންޒަރު ޚިޔާލަށް ގެނެވޭތަ؟ ދުވަހެއްގެ ކޮޅުންވެސް ވާނެކަމެއް ނޫން."

އެމީހުންނަށް މަޖާކަމަކަށްވި އެ ހާލަތާއިމެދު އެމީހުން އަޑުކޮޅަށް ހީނ ހެދިއެވެ.

އެމީހުންނަށް އެއްވެސް ވަރަކަށް ނޭގުނީ އެމީހުން އެ ސާދާ އަރަބި ޒުވާނާއާއި ދިމާލަށް ހީނ ޖޯކުޖެހިއިރު އަދި ގަރުނުގެ ހަތަރުބައިކުޅަ އެއްބައި ފަހުން އެމީހުން މި ޒުވާނާގެ ނަން ބިރުން ތިބެ އެބިމުގައި ކިޔާނެކަމެވެ. އެބޭކަލަކީ މުސްތަގުބަލުގައި މިސްރު ފަހަތަކުރާނެ ޒުވާނާއެވެ. އަމްރު ބިން އަލް އާސްއެވެ.

( މި ވާހަކައަކީ ޕާކިސްތާނުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަކްރަމް ގެ މުސްލިމް ކޮންކްއެސްޓް އޮފް އިޖިފްޓް އަދި އިސްލާމީ ތާރީޚުން ނަކަލުކޮށްފައިވާ ވާހަކައެކެވެ. ރަސޫލު ސައްލަﷲގެ ސަހާބީއެއް ކަމަށްވާ އަމްރު ބިން އަލް އާސް ގެ އަތްޕުޅު މައްޗަށް މިސްރު ފަތަހަވީގޮތާއި އަސްހާބު ބޭކަލުންގެ ހިތްވަރާއި ދީނަށް ލޯބިކުރާ ވަރު އަދި ކިޔަމަންތެރިކަން ފެނިގެންދާ ހިތްގައިމު ހާދިސާތަކެކެވެ.މިއީވެސް ކިޔުންތެރިންނަށް ކަމުދާނެ ވާހަކައަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.)

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު