އޯޒޯން ފަށަލައިގެ ބާގަނޑު އެންޓާޓިކާއަށް ވުރެ ބޮޑުވެއްޖެ

އޯޒޯން ފަށަލައިގެ ބާގަނޑު--ފޮޓޯ/ސީއެންއެން

ދުނިޔެ މަތީގައި އޮންނަ ރައްކާތެރިކަމުގެ ފަށަލަ ކަމަށްވާ އޯޒޯން ލޭޔާގައި ހެދިފައިވާ ބާގަނޑު، އެންޓާޓިކާގެ ސައިޒަށް ވުރެ ބޮޑު ވެއްޖެކަމަށް ޔޫރަޕިއަން ޔޫނިއަންގެ ކޮޕާނިކަސް އެޓްމޮސްފިއާ މޮނިޓަރިން ސާވިސް (ކެމްސް) އިން ބުނެފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔާރުވުމާއި އެކަމާ ގުޅުން ހުރި ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްސްއިން ބުނީ ކޮންމެ އަހަރެއްގައިވެސް އޮގަސްޓު މަހާއި އޮކްޓޯބަރު މަހާ ދޭތެރޭ، ހޫނު މޫސުމާ ދިމާކޮށް އެންޓާޓިކާއާ ދިމާލުން އޯޒޯން ފަށަލަ ތުނިވެ، ބާގަނޑެއް އުފެދޭ ކަމަށެވެ. އަދި އެ ބާގަނޑު އެންމެ ބޮޑުވަނީ ސެޕްޓެމްބަރު މަހުގެ މެދުން ފެށިގެން އޮކްޓޯބަރު މަހުގެ މެދަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެގޮތުން މިފަހަރު އުފެދުނު ބާގަނޑު މިދިޔަ ހަފްތާ ތެރޭގައި ބޮޑުވަމުން ގޮސް، މިހާރު އޭގެ ސައިޒު ވަނީ ކުރީގެ އަހަރުތަކުގެ ބޮޑުވި ވަރަށް ވުރެ 75 ޕަސެންޓު އިތުރަށް ބޮޑުވެފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މި އަހަރުވެސް [ހޫނު] މޫސުން ފެށުމާއެކު އޯޒޯން ފަށަލައިގެ ބާގަނޑު ބޮނޑުވި. މިފަހަރުގެ ފޯކާސްޓުން ދައްކާ ގޮތުގައި ބާގަނޑު ވަނީ ކުރިން އަހަރުތަކަށް ވުރެ ބޮޑުވެފައި،" ކޮޕާނިކަސްއިން ބުންޏެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މިދިޔަ އަހަރުވެސް އޯޒޯން ފަށަލައިގައި އުފެދުނު ބާގަނޑު އާދަޔާ ހިލާފަށް ބޮޑުކަން ފާހަގަކޮށްފައިއެވެ. އަދި އެންމެ ގިނަ ދުވަސްވަންދެން ބާގަނޑު ހެދިފައި އޮތީވެސް މިދިޔަ އަހަރު ކަމަށް ކެމްސްއިން ބުންޏެވެ.

އިރުގެ ނުރައްކާތެރި އަލްޓްރާ ވަޔަލެޓް (ޔޫވީ) ރޭޑިއޭޝަނުން ދުނިޔެ ރައްކާތެރިކޮށްދޭ އޯޒޯން ފަށަލައަށް ގެއްލުން ލިބުމަށް މަގުފަހިކުރާ ކެމިކަލްތަކުގެ ތެރޭގައި، ބައެއް ބާވަތުގެ ފްރިޖާއި އެއާ ކޮންޑިޝަންގައި ހުންނަ ސީއެފްސީ އަދި އެޗްއެފްސީ ހިމެނެއެވެ.

comment ކޮމެންޓް