އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ހުޅުވައިފި

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ހުޅުވައިދެއްވަނީ -- ފޮޓޯ: ކަސްޓަމްސް

ހއ. އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް، ކަސްޓަމްސްގެ މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އުލިގަމްގެ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުތަކުން ނެގޭ ފީތައް، ކަސްޓަމްސްއިން އިސް ނަގައިގެން ކުޑަ ކުރުމުން އެ ރަށަށް ވަންނަ ޔޮޓްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށަށް އެކި ގޮތްގޮތުން ފައިދާ ލިބޭ ކަމަށެވެ.

"ކަސްޓަމްސްއިން އިސް ނަގައިގެން އުލިގަމަށް ބަނދަރު ކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީތައް ކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކި ގޮތްގޮތުން ފައިދާ އާއި މަންފާ ކުރޭ،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އުލިގަމު ބަނދަރު ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް ވިދާޅުވީ އާ އޮފީސް އިމާރާތް މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އުލިގަމަށް ބަނދަރު ކުރާ ޔޯޓުތަކަށް ލުއި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މުސްތަގުބަލުގައި އެ ސަރަހައްދުގައި ބޮންޑެޑްވެއާހައުސްގެ ހިދުމަތް ގާއިމުކޮށް، އެ ވެއާހައުސްގެ ހިދުމަތްތައް ރިސޯޓުތަކަށް ފުޅާ ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ އާ ކަސްޓަމްސް އިމާރާތް ހުޅުވުމުން، އުލިގަމުގައި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރުމަށް މަގުފަހިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ގާއިމު ކުރުމަށް 5.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ އިރު އެ އިމާރާތުގެ މަސައްކަތް ކުރީ އެސްޖޭ ކޮންސްޓްރަޝަންސްއިންނެވެ.

comment ކޮމެންޓް