އެންމެ ނުފޫޒު ގަދަ މީހުން: ޕްރިންސް ހެރީގެ ދެކަނބަލުންނާއެކު އަލް ކުރްދު ދެބެއިން

މުނާ އަދި މުހައްމަދުލް ކުރްދު -- ފޮޓޯ: އޭއެފްޕީ

ޓައިމް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލްގެ އިތުރުން، ފަލަސްތީނުގެ ދެ އެކްޓިވިސްޓުން ކަމަށްވާ މުނާ އާއި މުހައްމަދުލް ކުރްދު ހިމަނައިފިއެވެ.

ޓައިމްގެ ޗީފް އެޑިޓަރު އެޑްވާޑް ފެލްސެންތަލް ވިދާޅުވީ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ހިމެނެނީ ދުނިޔޭގެ މުސްތަގުބަލު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރާ، ވަރަށް ފާހަގަކޮށްލެވޭ ލީޑަރުން ކަމަށެވެ.

އެގޮތުން އެ ލިސްޓުގައި، ޕްރިންސް ހެރީ އާއި މޭގަން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ތައުރީފްކޮށްފައިވެއެވެ. އަދި ހަމައެކަނި އެހީ ފޯރުކޮށްދެވޭނެ ގޮތް ކިޔާ ދެއްވުމުގެ ބަދަލުގައި އެކަން އަމަލުން ދައްކަވާ ކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހެރީ އަދި މޭގަން މާކެލް -- ފޮޓޯ: ޓައިމް

މީގެ އިތުރުން، އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި މީހުން ދިރިއުޅެމުންދާ ހާލަތު މުނާ އާއި މުހައްމަދުލް ކުރްދު އިންޓަނެޓާއި މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ދައްކުވައިދީފައިވާކަން އެ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން އިސްރާއީލާއި ފަލަސްތީނާ މެދު މީހުން ދެކޭގޮތް ބަދަލުވުމަށް މަގުފަހިވި ކަމަށްވެސް އެ މަޖައްލާގައިވެއެވެ.

ފަލަސްތީނުގެ ޝެއިހް ޖައްރާގައި ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި އިސްރާއީލުން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް އެމީހުންގެ ގެތަކުން ނެރެމުންދާ މައްސަލައަށް މިއަހަރު ތެރޭ ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އަދި ފަލަސްތީނުގެ އާއިލާތަކުގެ ގެތައް އަތުލުމާ ދެކޮޅަށް ފެށި ކެމްޕޭނުގައި އެ ސަރަހައްދުން އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ތެރޭގައި 23 އަހަރުގެ މުނާ އާއި މުހައްމަދު ހިމެނެއެވެ.

ޓައިމްގެ ލިސްޓުގައި އެ ދެބެއިންގެ ނަން ހިމެނުމުން މުހައްމަދު ވަނީ އެއީ އެމީހުންގެ މަސައްކަތަށް ކުރިއެރުން ލިބޭ ކަމަކަށްވީ ނަމަވެސް އެއީ ރަމްޒީ ކަމެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. އަދި ފަލަސްތީނުގެ ހާލަތު ރަނގަޅު ކުުރުމަށް އިތުރަށް އެހީ ބޭނުންވާ ކަމަށް ބުނެފައިއެވެ.

ޓައިމްގެ ލިސްޓުގައި ހިމެނޭ ސިޔާސީ ލީޑަރުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެގައުމުގެ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީ ހިމެނެއެވެ. އަދި ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި އެމެރިކާގެ ޖިމްނާސްޓް ސިމޯން ބައިލްސް އަދި ޖަޕާންގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ ހިމެނެއެވެ.

ހަމައެއާއެކު މުނިފޫހިފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ބިލީ އައިލިޝް، ބްރިޓްނީ ސްޕިއާސް އަދި ސްކާލެޓް ޖޮހާންސަން ހިމެނެއެވެ.

comment ކޮމެންޓް