މިނިސްޓްރީން ދިން ޖަވާބުން ހިރިލަންދޫ ބެލެނިވެރިންނަށް އިތުރު މާޔޫސްކަމެއް!

ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން މިއަދު ކުރި މުޒާހަރާގެ ތެރެއިން --

ތ. ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވަމުންދާތީ، ކުދިން ސްކޫލަށް ނުފޮނުވައި، ބެލެނިވެރިން މިއަދު ވެސް މުޒާހަރާ ކޮށްފިއެވެ.

ވިއްސާރަވުމުން ހިރިލަންދޫ ސްކޫލްގެ ހޯލަށް ފެން ވިއްސާ މައްސަލައާއި ފުރާޅާއި ސީލިންގު ފޫގޮސްފައި ހުރުމުގެ ސަބަބުން ދަރިވަރުންގެ ފޮތްތައް ތެމޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެ ރަށު ބެލެނިވެރިން އިއްޔެ ނުކުމެ ވަނީ ސްކޫލްގެ ގޭޓްގައި ބޮޑުތަޅު އަޅުވާފައެވެ.

އެ ރަށު ސުކޫލްގައި މިހާރު ވެސް އޮތީ 1992ވަނަ އަހަރު އެ ރަށު ރައްޔިތުން އެޅި ހޯލެކެވެ. އެ ހޯލުގައި ދޮރެއް ދޮރުފަތެއް ނުހުރެއެވެ.

ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ނުފޮނުވާ، އިއްޔެ ވެސް މުޒާހަރާ ކޮށްފައެވެ.

މި މައްސަލައާ ބެހޭގޮތުން "ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިން ބުނީ މިއަދުގެ މުޒާހަރާގައި ޓީޗަރުންގެ ރަސްމީ ގަޑި ނިމެންދެން، ސުކޫލަށް ވަނަނުދީ ގޭޓް ބަންދުކޮށްގެން ތިބެ ޝުއޫރު ފާޅުކުރީ ކަމަށެވެ.

އޭނާ ބުނީ ބެލެނިވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމަށްފަހު، އިމާރާތް ނިމޭނެ ދުވަހަކާބެހޭ ގޮތުން ސުވާލު ކުރުމުން، ސްކޫލްގެ ދެބުރި އިމާރާތް މާދަމާ ވެސް އިއުލާން ކުރެވިދާނެ ކަމަށާއި ނަމަވެސް މަލްޓިޕާޕަސް ހޯލާއެކު އިއުލާން ކުރަން އަދި އިތުރު މުއްދަތު ބޭނުންވާ ކަމުގައި ބުނެ މިނިސްޓްރީން ދިނީ ވަރަށް ހަރުކަށި ޖަވާބެއް ކަމަށެވެ.

"މިނިސްޓްރީން ބުނީ މަލްޓިޕާޕަސް ހޯލާއެކު އިއުލާން ކުރަން އަދި ދުވަސް ނަގާނޭ. ބުނީމަ އަޅުގަނޑުމެން ބުނީ އަޅުގަނޑުމެން ބޭނުމީ މަލްޓިޕާޕަސް ހޯލާއެކު އޭ. ހޯލް އިއުލާން ކުރެވެންދެން އަޅުގަނޑުމެން ނިންމީ ކުދިން ސްކޫލަށް ނުފޮނުވާ ގޮތަށޭ،" ބެލެނިވެރިޔާ ބުންޏެވެ.

"ބުނީމަ ބުނީ އޯކޭ އޭ ކަލޭމެންގެ ދަރިން ސްކޫލަށް ފޮނުވަން ބޭނުން ނެތިއްޔާ ނުފޮނުވާ ތިބޭށޭ. އެކަން ކުރެވޭނީ އޮންނަ އުސޫލު ތަކުގެ ތެރެއިންނޭ. އިތުރަށް އަވަސް ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނީ. އަސްލު އަޅުގަނޑުމެންނަށް އެ ޖަވާބު ކަމަކު ނުދޭ"

ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން މިއަދު ކުރި މުޒާހަރާގައި ބުނަމުން ދިޔައީ އެ މުޒާހަރާއަކީ އެއްވެސް ސަރުކާރަކާ ނުވަތަ ވަކި މީހަކާ ދެކޮޅަށް ކުރާ މުޒާހަރާއެއް ނޫން ކަމަށެވެ. އެހެންކަމުން މުޒާހަރާ ސިޔާސީ ނުކުރުމަށް ބެެލެނިވެރިން ވަނީ އެދިފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އެ މުޒާހަރާ އަކީ ކިޔަވާ ކުދިންގެ ހައްގުގައި ކުރާ މުޒާހަރާއެއް ކަމަށާއި، އެހެންކަމުން އެ ކުދިންގެ ހައްގުތައް ކަށަވަރުކުރެވެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް