އަނދިރިކަމުގެ ތެރެއިން އަލިކަން އެބަ ފެނޭ: އާސެނަލްގެ ކޯޗު

އާސެނަލުގެ ކޯޗު --- މިކެލް އާޓެޓާ

މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި އޮތް އާސެނަލްގެ ކުރިމަގު މިއަށްވުރެން އުޖާލާވާ މަންޒަރު ފެންނަ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވެ އެންމެ ފުލަށް ވެއްޓިފައި އޮތް އާސެނަލަށް ހިން ދެމިލަން ފުރުސަތު ލިބުނީ އެންމެ ފަހުން ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅުންނެވެ. ލީގުގައި ލިބުނު ފުރަތަމަ މޮޅާ އެކު 1-0 އިން މޮޅުވި އެ މެޗުގައި އާސެނަލްގެ ފޯވާޑް ޕިއެރޭ އެމެރިކް އޮބަމަޔެންގް ޖެހި ގޯލަކީ ލީގުގައި އެ ޓީމުން މިހާތަނަށް ޖެހި ފުރަތަމަ ގޯލެވެ.

އުނދަގޫ ހާލަތެއްގައި އޮތް އާސެނަލަށް އެ މެޗުން ހިތްވަރު ހޯދައި ކުރިއަށް އޮތް ބާންލީ މެޗަށް ތައްޔާރުވަމުން އަންނަ އިރު ރަށުން ބޭރުގައި އެ ޓީމާ ދެކޮޅަށް އާސެނަލަށް އޮތީ ރަނގަޅު ރެކޯޑެކެވެ. އެންމެ ފަހުން ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ވެސް މޮޅުވި އާސެނަލް އެ ދަނޑުގައި އެންމެ ފަހުން ބަލިވީ 1973 ވަނަ އަހަރުއެވެ.

އެ ރެކޯޑް ދެމެހެއްޓުމަށް އާސެނަލް ނުކުންނަ އިރު، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކޯޗު އާޓޭޓާ ބުނީ އާސެނަލްއަށް ދިމާވެފައިވަނީ ބުނެދޭން ވެސް ނޭންގޭ ފަދަ ހާލަތެއް ކަމަށެވެ. އެހެން ނަމަވެސް އެކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާޓެޓާ ބުންޏެވެ.

"ހުރިހާ ކަމެއްގެ ފަހަތުގައި ވެސް އެކަމެއ ހިނގަން ސަބަބުތަކެއް އޮވޭ. ވެދާނެ އާސެނަލަށް މި ދިމާވާ ކަންކަމުގެ ފަހަތުގައި ވެސް ރަނގަޅު ސަބަބެއް އޮތް ކަމަށް. މި އަނދިރިކަމުގެ ތެރެއިން އަހަރެންނަށް ފެންނަނީ އަލިކަމެއް. އެގޮތުގައި ކުރިއަށްދާން މިހުރީ،" އާޓެޓާ ބުންޏެވެ.

އޭނާ ބުނީ ކުރީ މެޗުން ލިބުނު މޮޅާ އެކު ޓީމުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށާއި، މޮޅެއް ލިބުމުން ޓީމަށް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ.

"މިހާރު އެންމެން އެކައްޗެއް ކިޔައިގެން ކުރިއަށް ދާންވީ. ނަތީޖާއާއި މެޗުގެ ޕާފޯމެންސްގެ މުހިއްމުކަން ހުރިހާ ކުޅުންތެރިންނަށް ވެސް އިނގިގެން ގޮސްފި."

comment ކޮމެންޓް