ސިޓީ ކައުންސިލުން ދައްކަންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި: ވެމްކޯ

ސެޕްޓެމްބަރ 16، 2021" ކުނީގެ މައްސަލައިގައި ވެމްކޯއިން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު

މާލޭ ސިޓީ ކައުންސިލުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ދައްކަންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުދައްކާ އެބަހުރިކަމަށް ވެމްކޯއިން ބުުނެފިއެވެ.

މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ހަލީމް ވިދާޅުވީ ފައިސާގެ ކަންކަމުގައި އަބަދުވެސް ދެ ފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވޭކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާގެ މަތިން ހަނދާންކޮށްދީ ސިޓީ ވެސް ފޮނުވާކަމަށެވެ.

"ފުރަތަމަ ސިޓީ ކައުންސިލުގެ ވާހަކަދައްކާނަމަ އަޅުގަނޑުމެންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 30.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެންގެ ދެ ފަރާތުގެ ފައިސާއާއި ބެހޭ މުއާމަލާތްތައް ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގައި ވެމްކޯގެ ހިދުމަތަަށް ރަޖިސްޓްރީކޮށްފައިވަނީ 16،000އާ ގާތްކުރާ އަދަދެއްގެ ގޭބީސީކަމަށެވެ. ނަމަވެސް މި ފަރާތްތަކުގެ ތެރެއިން ވެސް ގަވާއިދަށް ބިލަށް ފައިސާ ދައްކާ މީހުންގެ އަދަދު ވަރަށް މަދުކަމަށެވެ.

"ތިން މަހުގެ ބިލަށް ވުރެ މަދު އަދަދަކަށް ފައިސާ ނުދައްކާ ހުރީ އެންމެ 4000 ކަސްޓަމަރުންގެ. އޭގެ މާނައަކީ 12،000 ކަސްޓަމަރުންނަކީ ތިން މަހަށްވުރެ ގިނަ އަދަދެއްގެ ބިލު ހުރި ބޭފުޅުންނޭ،" ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިލަށް ފައިސާ ނުދައްކާނަމަ ހިދުމަތް ދިނުން ހުއްޓާލުމަށް މަޖުބޫރުވާނެކަމަށެވެ. ނަމަވެސް މިހާރު އޮތް ހާލަތުގައި ހިދުމަތް ހުއްޓާލައިފިނަމަ 12،000އަށްވުރެ ގިނަ ގޭބީސީއަށް ދެމުން ގެންދާ ހިދުމަތް ހުއްޓާލުމަށް މަޖުބޫރުވާނެކަމަށެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަނުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެއާއެކު ވީހާ ވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ހިދުމަތަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް