ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަދުކުރުން ހުުއްޓާލައިފި

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނިން އުފައްދާ ފެން ޕްލާސްޓިކް ފުޅީގައި ބަންދުކުރުން ހުއްޓާލައިފިއެވެ.

ސްޓެލްކޯއިން ބުނީ މި ނިންމުމަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އެ ކުންފުނިން އިސްނަގައިގެން ކުރާ މަސައްކަތެއްކަމަށެވެ.

އެ ކުންފުނީގެ މި ނިންމުމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެ ނިންމުމަކީ ތިމާވެއްޓަށް ޕްލާސްޓިކުގެ ސަބަބުންކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލި ނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް، އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން," މުޣުނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއިން ދެއްކި ނަމޫނާއާ އެއްގޮތަށް އެހެން ފަރާތްތަކުން ވެސް އަމަލު ކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި މިހާރު ފޯރުކޮށްދެމުން އަންނަނީ ކަރުދާސް ކޮތަޅުކަމަށެވެ.

އަދި ސްޓެލްކޯގެ އޮފީހަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ވެއްދުން ހުއްޓުވުމުގެ ގޮތުން ބޭނުންކުރުން މަނާ ޕްލާސްޓިކް ބެހެެއްޓޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިދީފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފައިވާއިރު ވަރަށް އަވަހަށް ބިއްލޫރި ފުޅީގައި ބާޒާރަށް ފެން ނެރޭނެކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް