ތުޅާދޫ އެއާޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ބ. ތުޅާދޫ ކައުންސިލާ ބައްދަލުކުރެއްވުން ---

ބ. ތުޅާދޫ އެއާޕޯޓް މިހާރު އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި, ތުޅާދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ސިއްހީ ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މަޢުލޫމާތު އަރުވާފައެވެ.

މީގެ އިތުރުން ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ތުޅާދޫ ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫއުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ކުރިޔަށްދާކަމުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 50 ހައުންސިންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓް ކުރުމަށްފަހު ރަނގަޅު ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަ މަށެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލުން ރަށް ތަރައްގީ ކުރުމުގައި ސަރަހައްދީ ތަރައްގީއަށް ވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް