ދައުލަތުގެ އާމްދަނީ އިތުރު ކުރަން އާ ހަތް ކަމެއް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތަށް އާމްދަނީ ހޯދާނެ އާ ހަތް ކަމެއް ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް އަދި ޑެޓް ސްޓްރެޓަޖީ 2022-2024 ރިޕޯޓުގައި މެދުރާސްތާގައި ދައުލަތަށް އާމްދަނީ ހޯދާނެ އައު ގޮތްތަކެއް ވަނީ ހިމަނާފައެވެ. އެއީ؛

  • އޭއެސްސީ/ އޭޑީއެފް ރޭޓަށް ބަދަލުގެނައުން: މިއީ މަޖިލީހުން ފާސް ކޮށްފައިވާ ބިލެކެވެ. އަދި 1 ޖަނަވަރީ 2022 ގައި އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ ލަފާކޮށްފަ.
  • ރިއަލް އެސްޓޭޓް ޓޫރިޒަމް/ އައު ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރުން: ރިސޯޓު ތަރައްގީއަށް ދޫކޮށްގެން މިއަހަރުގެ ނިޔަލަށް 100 މިލިއަން، އަންނަ އަހަރު 350 މިލިއަން އަދި 2023ގައި 550 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ.
  • އެކްސްޕަޓްރިއޭޓް ކޯޓާ ފީ: އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އާމްދަނީ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ.
  • ރެޒިޑެންޓް ޕާމިޓް ފީ ރޭޓު އިތުރު ކުރުން: އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ.
  • ބިން ވިއްކުން: (ޕްލޭނިންގް މަރުހަލާގައި) މި އަހަރު 150 މިލިއަން، އަންނަ އަހަރު 525 މިލިއަން އަދި 2023 ވަނަ އަހަރު 825 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ.
  • ސްޕެކްޓްރަމް ޗާޖް: ޔޫ.އެސް އެއިޑްގެ އެހީގައި ނީލަމުގައި ސްޕެކްޓްރަމް ވިއްކުމުގެ ދިރާސާއެއް ހެދުމުގެ މަސައްކަތް ހަވާލުކުރަން ވަނީ ރާވާފައި. އަދި އަންނަ އަހަރުގެ ނިޔަލަށް 60 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ.
  • ކޮންޖެޝަން ޗާޖް/ ޕާކިން ފީ :(ޕްލޭނިންގް މަރުހަލާގައި) މިއަހަރުގެ ތެރޭގައި ތަންފީޒު ކުރެވިއްޖެނަމަ މިއަހަރަށް ނުވަ މިލިއަން އަދި އަންނަ އަހަރަށް 73.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފަ.

އެ ރިޕޯޓުގައި ބުނާގޮތުން އަންނަ އަހަރަށް ލަފާކުރަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މެދުރާސްތާގައި ފައިނޭންސިން ގެޕް ބޮޑުވުމާއެކު ބަޖެޓު މާ ބޮޑު ނުކުރުމަށާއި އެ ބަޖެޓުގައި ހިފެހެއްޓުމަށް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓްވާނެ ކަމަށް ބެލެވެނީ 10.1 ބިލިއަން ރުފިޔާއިންނެވެ.

comment ކޮމެންޓް