ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައި އަދަދާ ހަމައަށް ވާސިލްވާން އަދި އިތުރު ދެ އަހަރު ނަގާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކޮށްފިއެެވެ.
ފައިނޭންސް މިނިސްޓްރީގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓަޖީ 2022-2024 އިން ދައްކާ ގޮތުގައި 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.
ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ބޯޑަރުތަށް ބަންދު ކުރުމުން މިދިޔަ އަހަރު އެ އަދަދު ވަނީ 0.6 މިލިއަނަށް ދަށް ވެފައެވެ.
މި އަހަރު އެންމެ ގޯސް ހާލަތުގައި 1.0 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށާއި އާންމު ހާލަތުގައި 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އަދި އެންމެ ރަނގަޅު ހާލަތުގައި އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.
މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން ކޮވިޑު-19ގެ ބަލިމަޑުކަމުގެ ކުރިން އޮތް ހާލަތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރުޖޫއަވާނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
އެގޮތުން 2023ގެ އެންމެ ގޯސް ހާލަތުގައިވެސް 2019 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދާއި ދާދި އެއްވަރަކަށް ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އާންމު ހާލަތުގައި 1.8 މިލިއަން ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކޮށްފައިވާއިރު އެންމެ ރަނގަޅު ހާލަތުގައި ދެ މިލިއަނާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 809،764 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.