ވިލިމާލޭގެ މަގުތަކުގައި ނުނަގާ ހުރި ކުނި، ސިޓީ ކައުންސިލުން ނަގަނީ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ. ފޮޓޯ/ފޭސްބުކް

ވިލިމާލޭގައި ނުނަގާ ހުރި ކުނިތައް، މާލެ ސިޓީ ކައުންސިލުން ނަގަން ފަށާފައިވާ ކަމަށް ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ވެމްކޯގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ކުނި ނުނަގައި، ހަމައެކަނި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ކުނި ނަގަން ފެށީ އިއްޔެގައެވެ.

އެކަމާ ގުޅިގެން ނަހުލާ "ސަން"އަށް ވިދާޅުވީ ކުނި ނެގުމަކީ ކޮންޓްރެކްޓެއްގެ ދަށުން ވެމްކޯއާ ހަވާލުކޮށްފައި އޮންނަ ކަމެއް ކަމަށެވެ.

"ވެމްކޯއިން އެ ވިދާޅުވަނީ، ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ކުނި ނުނަގާނެ ކަމަށް. އެކަމަކު އެ ބޭފުޅުންނާ ކޮންޓްރެކްޓަކުން ހަވާލުކޮށްފައި މި އޮންނަނީ އެ މަސައްކަތް ކުރުމަށް. އެކަމަކު އަސްލު މި މެންޑޭޓަކީ ސިޓީ ކައުންސިލްގެ ދަށަށް އަންނަ ކަމެއް، އެ ބޭފުޅުންނާ ކޮންޓްރެކްޓަކުން ހަވާލު ކުރެވިފަ މި އޮންނަނީ،" އޭނާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ވެމްކޯގެ ޒިންމާ އަދާ ނުކުރި ނަމަވެސް އެކަން އޮންނަނީ ސިޓީ ކައުންސިލުން ޒިންމާ ވާން ޖެހޭ ގޮތަށް ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވިކަން ފާހަގަ ކުރައްވާ ނަހުލާ ވިދާޅުވީ، މުއިއްޒު އެނބުރި ވަޑައިގެންނެވުމާއެކު އެ މައްސަލައަށް ކޮންމެވެސް ހައްލެއް ގެނައުމަށް މަަސައްކަތް ފަށާނެ ކަަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އެބޭފުޅުންނާ ކޮންޓްރެކްޓަކުން ހަވާލުވެފައި އޮތް ޒިންމާއެއް ދެއްތޯ އެއީ، އެކަމަކު މާލެ ސިޓީގެ މަގުތައް އެހެން ބާއްވާއިރު ސިޓީ ކައުންސިލުން ބަލަހައްޓައިގެން ނުތިބޭނެ." ނަހުލާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ވިލިމާލޭގެ މަގުތަކުގައި ވެސް ކުނި ނުނަގާ ހުުރުމުގެ މައްސަލަ ދިމާވެގެން އުޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަމުގައި ވަރަށް ގިނަ އާއްމުންގެ ކަންބޮޑުވުން ވެސް ހުރި ކަމަށެވެ.

ނަހުލާ ވިދާޅުވީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ތެރޭގައި ކުއްޔަށް އުޅޭމީހުންވެސް އެބަތިބި ކަމަށާއި ރަޖިސްޓްރީ ކުރަން ޖެހެނީ ގޭގެ ވެރިފަރާތުން ކަމަށްވާއިރު، ބައެއް ގޭބިސީތަކުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި އުޅުއްވާ ކަމަށެވެ.

އެހެންކަމުން ބައެއް މީހުންނަށް ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެކަންކަމަށް ހައްލެއް ލިބެންދެން ވިލިމާލޭ މަގުތަކުގައި ނުނަގާ ހުންނަ ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް