މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަކަކަށް، 'އޮޅިގެން' ވެމްކޯ ގޭޓް ކުރިމައްޗަށް ކުނި އެޅިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ، މާލެ ސިޓީ ކައުންސިލްގެ ޕިކަޕެއްގައި، އެ ކައުންސިލްގެ މުވައްޒަފުން މާލޭ މަގުތަކުން ނެގި ކުނިތައް، ވެމްކޯ އޮފީސް ކައިރިއަށް އަޅާލާ ތަނެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެއީ 'މިސްއަންޑަސްޓޭންޑިންގް' އެއް ކަމަށެވެ.
"އެއީ މިސްއަންޑަސްޓޭންޑިން އެއްގެ ސަބަބުން ދިމާވި ކަމެއް. މިހާރު ދެފަރާތުގެ މެނޭޖްމަންޓުން ވާހަކަ ދައްކައިގެން (އެކަން) ހައްލުކޮށް، ކުނިތައް ނެގުމުގެ މަސައްކަތް ގެންދަނީ،" ނަރީޝް ވިދާޅުވިއެވެ.
އެ މައްސަލަ ދިމާވީ އެ ޕިކަޕް ދުއްވި ޑްރައިވަރާ، އެ މަސައްކަތުގެ ސުޕަވައިޒަރުންގެ ގޮތުގައި ތިބި ސިޓީ ކައުންސިލްގެ މެމްބަރުންނާ ދެމެދު ދިމާވި 'މިސްކޮމިއުނިކޭޝަން' އެއްގެ ސަބަބުން ކަމަށް ނަރީޝް ވިދާޅުވިއެވެ.
އަދި އެ ކުނިތައް ފަހުން ނެގީވެސް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީގެ ބައެއް މަގުތަކުގައި ކުނި ހުރުމުގެ ސަބަބުން، މިއަދު އެ ކުނިތައް ނަގާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް، ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" މިއަދު ހެނދުނު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
އެ މައްސަލައިގައި ވެމްކޯއިން ބުނީ އެކަމާ ބެހޭ ތަފްސީލު މިއަދު މެންދުރު ފަހު މީޑިއާ ހިއްސާ ކުރާނެ ކަމަށެވެ.
ގޭބިސީތަކުގެ ވަކި ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން އަލުން ފެށީ އިއްޔެއެވެ.