އުނަގަނޑުގެ މައްސަލަ ހުންނާތީ، ޝަރީއަތުގެ ވަގުތު ކުޑަކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

ސެޕްޓެމްބަރ 10، 2021: ކުރީގެ ރައީސް ޔާމީން އަބްދުﷲ ގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުނަގަނޑުގެ މައްސަލަ ހުންނަވާތީ ގިނަ އިރު އިށީނދެ އިނުމަށް އުނދަގޫވެ ވަޑައިގަންނަވާތީ، ޝަރީއަތުގެ ވަގުތު ކުުރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްގެންދަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލަށް ލުމަށް ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލައެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ބޭފުޅެއް ކަމަށާއި ގިނައިރު ގޮނޑީގައި އިންނަން ވަރަށް ދަތިވާކަމަށެވެ.

"އަޅުގަނޑަށް އެނގޭ ގޮތުން ވެއްޖެއްޔާ ކުރިއަށް ވެސް ޝެޑިއުލްކުރައްވާފަ ކޮންމެ ދުވަހަކު ގާތްގަނޑަކަށް ފަސް ގަޑިއެއްހާއިރު. ހެނދުނުގެ ސެޝަނެއް އޮވެފަ، ބްރޭކެއް ގަޑިއެއްހާއިރު އޮވެފަ، އަނެއްކާ ވެސް އައިސް ދެ ގަޑިއެއްހާއިރު އިންނަން. އެހެންވީމަ ކޮންމެވެސް ގޮތަކަށް މިކަމަށް ރިއާޔަތް ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ވާހަކައެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ފައްޓަވައިދެއްވަމުން މައްސަލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މިހާތަނަށް މި މައްސަލައިގައި ހަ ގަޑިއިރުގެ ޝަރީއަތް ބޭއްވިފައިވާއިރު، މައްސަލަ ކުރިއަށްދަނީ އެންމެ ރަނގަޅު ބާރުމިނުގައި ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

"އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން ގާތްގަނޑަކަށް 11 ވަރަކަށް ނުކުތާ ނިންމާލެވިފަ މިވަނީ. މި ސްޕީޑް އެހާ ރަނގަޅެކޭ ދަންނަވާ ހިތެއް ނެތް. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުތަކަށް ބަލާލާއިރު 156 ވަރަކަށް ސަފުހާ އެޕީލް ފޯމުގަ އެބަހުރި،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ހެނދުނުގެ ޝަރީއަތުގެ ސެޝަން ބްރޭކަށް ދިއުމުގެ ކުރިން އިސް ފަނޑިޔާރު ވަނީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތް ސާފުކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވަނީ ދުވާލަކު އެއް ސެޝަން ބާއްވައި، އަދި ސެޝަނެއް ދުވާލަކު ތިން ގަޑިއިރަށް ވުރެ ދިގު ނުކުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ ޖުމްލަ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް