އައިޖީއެމްއެޗްގެ ޑޮކްޓަރުން ހުށަހެޅި ޕެޓިޝަން ދިރާސާ ކުރަނީ

އޮގަސްޓް 30، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ކަންބޮޑުވުންތައް ހިމަނައި، 491އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ހުށަހެޅި ޕެޓިޝަން ދިރާސާ ކުރަން ރައީސް އޮފީހުން ނިންމައިފިއެވެ.

އެ ޑޮކްޓަރުންގެ ޕެޓިޝަން އިއްޔެ ރައީސަށް ހުށަހެޅީ ފަންނީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމުންނެވެ.

އެ ޕެޓިޝަނާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ، އެ ޕެޓިޝަން ރައީސް އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި ޕެޓިޝަންގައި ދައްކާފައިވާ ވާހަކަތަކާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނީ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން އެފަދަ ކަމެއް ބަލާނީ ހަމައެކަނި ރައީސް އޮފީހުން ނޫން ކަމަށާއި، އިތުރު ފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލުވެސް ހޯދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ޕެޓިޝަން ދިރާސާކޮށް ނިންމާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

އައިޖީއެމްއެޗްގެ ފަރާތުން ޕެޓިޝަން ހުށަހެޅުއްވުމުގައި އެންމެ އިސްކޮށް އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު ޔޫސުފް ޝާން "ސަން" އަށް ވިދާޅުވީ، އެ ޕެޓިޝަނުގައި އޮންނާނީ ވަޒީފާގެ ކުރިއެރުން އަލުން ދޭ ގޮތަށް ނިންމުން ބަދަލުކުރުމަށް އެދިފައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ 40 ޕަސެންޓަށް ކުޑަ ކުރުމަށް ފަހު، އެ މުސާރަ ބޮޑުކޮށްދީފައި ނުވާތީ މިހަފްތާ ތެރޭގައި ޕައިލެޓުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އިހުތިޖާޖުކޮށްފައެވެ. އަދި ރައީސް ވަނީ ފަހުން ޕައިލެޓުންނާ ބައްދަލު ކުރައްވާ، ޝަކުވާތައް އައްސަވާފައެވެ.

އެ މައްސަލައާ ގުޅިގެން "ސަން" އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އެމީހުންގެ އިހުތިޖާޖު މިހާރު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ މޯލްޑިވިއަންގެ މެނޭޖްމަންޓާ ބައްދަލު ކުރުމަށްފަހު، ކުރީގެ މުސާރަ އިއާދަކޮށްދޭން އެއްބަސްވުމުން ކަމަށެވެ.

comment ކޮމެންޓް