ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލުމަށް އެމެރިކާ އަސްކަރީ ޖަމާއަތެއް އުފައްދައިފި

އޯކަސް ޖަމާއަތުގައި ޝާމިލްވާ ގައުމުތަކުގެ ލީޑަރުން

ޗައިނާ އަށް އަސްކަރީގޮތުން ފިއްތުންތައް ކުރިމަތިކުރުމަށާއި އަދި ޗައިނާ ކޮންޓެެއިން ކުރުމުގެ ސްޓްރެޓެޖީގެ ދަށުން އިނގިރޭސިވިލާތާ އަދި އޮސްޓްރޭލިއާ އާ ގުޅިގެން އެމެރިކާއިން އަސްކަރީ ޖަމާއަތެއް އިއްޔެ ވަނީ އުފައްދާފައެވެ.

މިޖަމާއަތް އުފެއްދުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ބައްދަލުކުރައްވާފައިވަނީ ވާޗުއަލް ކޮށެވެ. ވައިޓް ހައުސް ބުނާގޮތުން އަސްކަރީ މި އިއްތިޙާދުގެ އެއްބަސްވުމުގައި މި ތިން ބޭފުޅުން އަންނަ ހަފްތާގައި ސޮއިކުރައްވާނެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ވައިޓް ހައުސްގައެވެ.

ބޭނުމަކީ ޗައިނާއަށް ޖެއްސުންކޮށް ޗައިނާގެ އަސްކަރީގޮތުން ވަށާލެވޭތޯ ބެލުން

"އޯކަސް" ގެ ނަމުން ނަންދީފައިވާ މި ޖަމާއަތުގެ ބޭނުމަކީ ދެކުނު ޗައިނާ ކަނޑާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އަސްކަރީ ހަރާކާތްތައް ބޭއްވުމާއި އަސްކަރީ ގޮތުން ޗައިނާއަށް ފާރަލުމާއި ޗައިނާއަށް އަސްކަރީގޮތުން ޖެއްސުންކުރުމާއި ކުރިއަރަމުންދާ ޗައިނާގެ ވަރުގަދަ އަސްކަރިއްޔާ ކޮންޓެއިން ކުރުމުގެ އިތުރުން ޗައިނާއާ އާ ކުރިމަތިލާންޖެހިއްޖެނަމަ އެކަންވެސް ކުރުމެވެ.

މިއީ އެމެރިކާއަށް ބޯލަނބާ ދެގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ގެ އެހީތެރިކަމާއެކު ސީދާ ޗައިނާއަށް އަމާޒުކޮށްގެން އެމެރިކާ އިސްވެ އޮވެގެން އުފެއްދި ޖަމާއަތެއް ކަމަށްވިޔަސް މިއީ ޗައިނާއާ ދެކޮޅަށް އުފެއްދި ޖަމާއަތެއްކަމަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޖޯބައިޑެންވަނީ ފަސްޖެހިވަޑައިގެންފައެވެ. ބައިޑެން މި ޖަމާއަތް ސިފަކުރައްވާފައިވަނީ އެތިން ގައުމުގެ އަމަނާއި ސަލާމަތާއި ސްޓްރެޓީޖިކް މަސްލަހަތަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައެވެ

އެމެރިކާގެ ނިއުކްލިޔާ ސަބްމެރިން އެއް

ވައިޓް ހައުސް އިން މިޖަމާއަތް ސިފަކުރައްވާފައިވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް ވިލަރެސް ކުރުމަށްޓަކައި އުފެއްދި ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް މިޖަމާއަތުން އެންމެފުރަތަމަވެސްއެޅި ފިޔަވަޅަކީ މި ތިން ގައުމުގެ ތެރެއިން ޗައިނާއާ ޖޯގްރަފިކަލް ގޮތުން ގާތް ގައުމު ކަމަށްވާ އޮސްޓްރޭލިއާއަށް ނިއުކްލިޔާ ސަބްމެރިން އުފެއްދުމަށް އެހީތެރިވުމަށް ނިންމުމެވެ.

އޮސްޓްރޭލިއާގެ ނިއުކްލިޔާ ބާރަކަށް ވުމުގެ ނުރައްކާ

އޮސްޓްރޭލިއާއަކީ ނިއުކްލިޔާ ބާރެއްނޫނެވެ. ނަމަވެސް "އޯކަސް" ގެ ލީޑަރުން ގެ މިނިންމުމުގެ ސަބަބުން ނިއުކްލިޔާ ބާރުވެރިކަން އޮސްޓްރޭލިއާއަށް ލިބިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އޮސްޓްރޭލިއަކީ މިހާރުވެސް އިންޑޮނީޝިއާއި ޗައިނާފަދަ ސަރަހައްދުގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅޭ އެމެރިކާގެ ކަނޑުގެ އަސްކަރީ ގިނަ ބޭސްތަކެއްހުރި އެމެރިކާގެ އަސްކަރީ ބައިވެރިއެކެވެ.

"އޯކަސް" ޖަމާއަތުގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ނިއުކްލިޔާ ސަބްމެރިން އުފެއްދުމުގެ ސިއްރުތަކާއި އޭގެ ޓެކްނޮލޮޖީ އޮސްޓްރޭލިޔާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޗައިނާގެ އިތުރުން އިންޑޮނީޝިއާއާއި މެލޭޝިއާ ފަދަ ގައުމުތަކަށް އޮތް ނުރައްކަލެއްކަމުން މިކަމުން އެގައުމުތައް ކަންބޮޑުވާނެކަމަށް މުރާސިލުން ބުނެއެވެ. ނަމަވެސް "އޯކަސް" ޖަމާއަތާ ބެހޭގޮތުން ޗައިނާވެސް އަދި ސަރަހައްދުގެ އެހެން ގައުމަކުންވެސް އަދި އެއްޗެއް ނުބުނެއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން

އިންޑޮނީޝިއާއިން އެތަށްފަހަރަކުވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އޮސްޓްރޭލިއާ ވަންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާއިންވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އޮސްޓްރޭލިއާ ތަކުރާރުކޮށް ވަންނާތީ އޮސްޓްރޭލިއާ އާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއްއަޅާފައެވެ.

މިފިޔަވަޅުތަކުގެ ސަބަބުން އޮސްޓްރޭލިއާއަށް ވަނީ އެގައުމުގައި އުފައްދާ ކިރާއި ދަނޑުވެރިކަމުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ އޮސްޓްރޭލިއާއަށްވަނީ ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ގެއްލިފައެވެ. މިކަމުގެ ގެއްލުން އޮސްޓްރޭލިއާގެ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ އޮސްޓްރޭލިއާގެ ކުންފުނިތައް ދަނީ ތަހަންމަލް ކުރަމުންނެވެ.

އޮސްޓްރޭލިޔާއިން "އޯކަސް" ޖަމާއަތް ސިފަކޮށްފައިވަނީ އެގައުމުގެ ސަލަމާތާ ގުޅިފައިވާ ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައެވެ. މިއީ އެގައުމާ ޚާއްސަ ގުޅުންތަކެއް އޮންނަ އިނގިރޭސިވިލާތާއި އެމެރިކާއާއެކު އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިއްމު ފުރުސަތެއްގެ ގޮތުގައި ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާ ކަނޑުގެ ޗާގޯސް އައިލެންޑްސް ގައި އޮންނަ ޑިއެގޯގާސިއާ ގައިވާ އެމެރިކާގެ އަސްކަރީ ބޭސް

އިނގިރޭސިވިލާތުން މި އިއްތިޙާދު ސިފަކޮށްފައިވަނީ ދެކުނު ޗައިނާ ކަނޑާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެގައުމުގެ އެންމެ ގާތްރަހްމަތްތެރިންނާއެކު އަސްކަރީ ގުޅުންތައް ބަދަހިކުރުމަށާއި އެގުޅުންތައް ވިލަރެސް ކުރުމަށް އެޅި ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައެވެ.

ޗައިނާއަށް ދެކޮޅަށް އެމެރިކާ އުފެއްދި "ކުއެޑް" ގްރޫޕް

ޗައިނާއާ ކުރިމަތިލުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އިންޑިއާއާއި ޖަޕާން އަދި އޮސްޓްރޭލިއާއެކު 2020 ވަނައަހަރުވަނީ ކުއެޑް ގްރޫޕްގެ ނަމުގައިވެސް އެލަޔަންސެއް (އިއްތިޙާދެއް) އުފައްދާފައެވެ. މިއިއްތިޙާދުންވެސް އިންޑޯ ޕެސިފިކް ސަރަހައްދުގައާއި ދެކުނު އޭޝިއާގެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ހިންގަމުން ގެންދެއެވެ.

ޗައިނާއާ ދެކޮޅަށް އިންޑިއާ ނެރުމަށްޓަކައި އެމެރިކާ އިންޑިއާއެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް

މީގެއިތުރުން ޗައިނާއާ ކުރިމަތިލުމަށް އިންޑިއާއަށް ހިއްވަރު ދިނުމަށާއި އެކަމަށް އިންޑިއާ ނެރުމަށްޓަކައި އެމެރިކާ ވަނީ 2020 ގައި "ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް" (ބެކާ) ގެ ނަމުގައި އަސްކަރީ އަދި ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޗައިނާ އާ ކުރިމަތި ލުމަށްޓަކައި އެމެރިކާއިން ދިފާއީ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އެންމެފުރަތަމަ ކަނޑައެޅީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ.

މިގޮތަށް ކަނޑައެޅުމަށްފަހު 2016 ވަނަ އަހަރު އެމެރިކާވަނީ "ލެމޯއާ" ނަމަކަށްކިޔާ ދިފާއީ އިތުބާރާބެހޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފައެވެ. އެއަށްފަހު އެމެރިކާވަނީ "ކޮމްކާސާ" ނަމަކަށްކިޔާ އަސްކަރީ އެއްބަސްވުމެއްގައިވެސް 2018 ވަނައަހަރު އިންޑިއާއާއެކު ސޮއިކޮށްފައެވެ. ދެކުނު އޭޝިއާގައާއި އިންޑިއާ ކަނޑުގައި ޗައިނާގެ މަސްލަހަތުތަކާ ދެކޮޅަށް އިންޑިއާ ހިންގާ އެކިބާވަތުގެ ހަރަކާތްތަކުގެ ފަހަތުގައިވެސްވާ މައިގަނޑު ފަރާތަކީ އެމެރިކާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް