ރާއްޖޭގައި މިވަގުތު އޮތީ ޝަރުއީ ނިޒާމެއް ނޫން، "ޝަމީމީ ނިޒާމެއް": އަލީ ވަހީދު

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ރާއްޖޭގައި މިހާރު އޮތީ ޝަރުއީ ނިޒާމެއް ނޫން ކަމަށާއި "ޝަމީމީ ނިޒާމެއް" ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނެއްކާވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފިއެވެ.

އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވެގެން ހައްޔަރުކޮށް އެ ގައުމުގެ ޑިޓެންޝަން ޖަލެއްގައި ބަންދުކޮށްފައިވާ އަލީ ވަހީދު އަންނަނީ މިފަހުން ޓްވިޓާގައި ޕީޖީ ޝަމީމަށް ތުހުމަތުތައް ކޮށް، ފާޑު ވިދާޅުވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ގޮވާލެއްވުން ތަކުރާރުކުރައްވާ އަލީ ވަހީދު އެންމެ ފަހުން ވިދާޅުވީ ލީކުވި ފަނޑިޔާރުންގެ އޯޑިއޯތަކުން ރާއްޖޭގައި އޮތީ ޝަރުއީ ނިޒާމެއް ނޫންކަން ވަރަށް ސާފުވާކަމަށެވެ. އަދި އިސްލާހު ކުރަން ކަމަށް ބުނެ ރާއްޖޭގެ ޝަރުއީ ނިޒާމު "ކިލަނބުކޮށްފައިވާ" ކަމަށް އަލީ ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތު އިއުތިރާފު ބަހުން، ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުއީ ނިޒާމެއް ނެތްކަމާއި، އޮތީ ‘ޝަމީމީ ނިޒާމެއް’ ކަން ވަރަށް ސާފު! އިތުރު އަޑު އެހުންތަކާ ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރަންޖެހޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

އިންސާނެއްގެ މިނިވަންކަން ނުހައްގުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ މީގެ ކުރިން ދެއްކެވި ވާހަކައަށް ބާރުދީ، އަލީ ވަހީދު ވަނީ އޮކްޓޯބަރު 25، 2015ގައި ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްސީލު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އަލީ ވަހީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ފެށެނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ހިސާބުން ކަމަށާއި "ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ" ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ހައްޔަރު ކުރީ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި މުހިންމު ވާހަކަތަކެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާ ކުރައްވާނެ ކަމަށް ބެލެވިފައި އޮއްވާ އޭނާ ހައްޔަރު ކުރީ އެ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާއެވެ.

comment ކޮމެންޓް