11 އަހަރަށް ފަހު ފަރްދީން ހާން އަލުން ފިލްމީ ދުނިޔެއަށް

ފަރްދީން ހާން-- ފޮޓޯ/ގޫގަލް

ފިލްމް ކުޅުމާ ދުރުގައި ދުވަސް ވަރެއްގައި ހުރުމަށް ފަހު ފަރްދީން ހާން އަލުން ފިލްމު ކުޅެން ފަށައިފިއެވެ.

ފަރްދީން ހާން "ވިސްފޮޓް" ފިލްމުން ފެނިގެން ދަނީ ފިލްމީ ދުނިޔޭގައި މަސައްކަތް ނުކުރާތާ 11 އަހަރު ފަހުންނެވެ.

ފަރްދީން ހާން އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 1998 ވަނަ އަހަރުގެ ފިލްމް "ޕްރޭމް އައްގަން" އެވެ. އޭގެ ފަހުން އޭނާ ވަނީ މަޝްހޫރު ގިނަ ފިލްމުތަަކެއް ކުޅެފައެވެ.

އެ ފިލްމުތަކުގެ ތެރޭގައި "ނޯ އެންޓްރީ"، "ޕެޔާރްް ތޫނޭ ކިޔާ ކިޔާ" އަދި "ޖަންގަލް" ހިމެނެއެވެ.

ފަރްދީން ހާން އެންމެފަހުން ކުޅުނު ފިލްމަކީ 2010 ވަނަ އަހަރު ނެރުނު "ދުލްހާ މިލްގަޔާ" އެވެ.

ސަންޖޭ ގުޕްތާ ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ "ވިސްފޮޓް" އަކީ 2012 ވަނަ އަހަރު ނެރުނު ވެނެޒުއޭލާގެ ފިލްމް ރޮކް ޕޭޕާ ސިޒާސްގެ ހިންދީ ރިމޭކެކެވެ. އެ ފިލްމުން ރިތޭޝް ދޭޝްމުކްވެސް ފެނިގެންދާނެއެވެ.

ފަރްދީން ހާންއާއި ރިތޭޝް އެންމެ ފަހުން އެއްކޮށް ކުޅުނު ފިލްމަކީ މީގެ 14 އަހަރު ކުރިން ނެރުނު "ހޭ ބޭބީ" އެވެ.

ވިސްފޮޓް ފިލްމުގައި ދައްކަނީ ކުޑަކުދިންގެ ގޭމެއް ކުޅެ، އޭގެ ސަބަބުން ދެ އާއިލާއެއްގެ ދިރިއުޅުން ބަރުބާދުވެގެން ދާ ގޮތެވެ.

comment ކޮމެންޓް