މެސީއާއެކު ވެސް ޕީއެސްޖީ މޮޅެއް ނުވި

މެސީ، ބްރޫޖްގެ ދެކުޅުންތެރިނ ކާރިން ބޯޅަ ފޮނުވާލަނީ--- ފޮޓޯ: ގާޑިއަން

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ލިއޮނެލް މެސީގެ ސޮއި ހޯދައި، ޓްރާންސްފާ ބާޒާރުގައި ބޮޑެތި ހަރަދުތަކެއް ކުރި ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ) ބެލްޖިއަމްގެ ކްލަބް ބުރޫޖް އަތުން 1-1 އިން އެއްވަރުއެއްޖެއެވެ.

ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މެޗުގައި އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ފުރަތަމަ ފަހަރަށް މެސީ، ނޭމާ އަދި އެމްބާޕޭއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފުރަތަމަ 11 އާއެކު މެޗަށް ނިކުތް ޕީއެސްޖީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. ޕީއެސްޖީއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ ގިނަ ފުރުސަތު ފަހި ކުރީ ބްރޫޖްއިންނެވެ.

ޕީއެސްޖީއަށް 15 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ސްޕެއިން މިޑްފިލްޑަރު އަންޑަ ހެރޭރާއެވެ. ބްރޫޖް އޭރިއާ އަރިމަތިން ކުޅުންތެރިއެއް ކާރިން ނައްޓާލުމަށްފަހު އެމްބާޕޭ ތިރިތިރިން ނަގައިދިން ހުރަސް ހެރޭރާ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ އޭނާގެ ވާތު ފައިން ފޮނުވާލި ހަމަލާއިންނެވެ.

ޕީއެސްޖީއިން ލީޑު ނެގި ނަމަވެސް ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ބްރޫޖްއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 27 ވަނަ މިނިޓުގައި ބްރޫޖްއިން އެއްވަރުކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ހާންސް ވަނަކެންއެވެ.

ފުލް ބެކް އެޑުއާޑް ސޮބޮލް ނަގައިދިން ބޯޅަ ވަނަކަން ވަނީ އެއްފަހަރުން ޕީއެސްޖީގެ ގޯލާ ދިމާއަށް ފޮނުވާލާފައެވެ. ވަނަކެންގެ ހަމަލާ ގޯލުގެ ދަގަނޑަށް އަމާޒުވީ ޕީއެސްޖީގެ ޑިފެންޑަރު ކިމްޕެމްބޭ ފައިގައި ޖެހިފައެވެ.

ބްރޫޖްއިން އެއްވަރުކުރިތާ ދެމިނިޓު ފަހުން މެސީ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

comment ކޮމެންޓް