އިންތިހާބުތަކުގެ ކްރެޑިބިލިޓީ އަންނަނީ މަތިވަމުން: ފުއާދު

އޭޕްރީލް 19، 2021: އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ އިންތިހާބަކަށްފަހު ވެސް ލިބިގެންދާ ތަޖުރިބާގެ އަލީގައި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ކްރެޑިބިލިޓީ މަތިވަމުން އަންނަކަމަށް ގައުމީ އަދި ބައިނަލްއަގްވާމީ ރިޕޯޓުތަކުގައި ފާހަގަކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ފުއާދު ވަނީ ރާއްޖޭގެ އިންތިހާބުތަކުގެ ނަތީޖާއަށް މީހުން އިތުބާރު ކުރާ މިންވަރު ނުވަތަ ކްރެޑިބިލިޓީ މަތިވެގެން ދިޔުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ގުޅޭ ގޮތުން ގައުމީ އަދި ބައިނަލްއަގްވާމީ ރިޕޯޓުތަކުގައި ކްރެޑިބިލިޓީ މަތިވަމުން އަންނަކަމަށް ބަޔާންކޮށްފައި އޮތުމަކީ ގަބޫލްކުރަންޖެހޭ ހަގީގަތެއް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިހާބެއްގައި މަސައްކަތްކުރުމަކީ ބުރަ ބޮޑު މަސައްކަތްތަކެއް ކަމަށެވެ. އަދި ޒިންމާ ވެސް ބޮޑު މަސައްކަތެއްކަމަށެވެ.

ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ނިންމުން އަމާނާތްތެރިކަމާއެކު ހާމަކޮށްދިނުންކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

"އިންތިހާބެއްގައި ކާމިޔާބު ލިބޭ ފަރާތްތަކާއި ނާކާމިޔާބާ ކުރިމަތިލާންޖެހޭ ފަރާތްތަކެއް ވާނެ. އެ ނިންމުން ނިންމަނީ އިލެކްޝަންސް ކޮމިޝަނަކުން ނޫން. ކޮމިޝަންގެ މަސައްކަތަކީ ރައްޔިތުން ނިންމާ ނިންމުން އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން،" ފުއާދު ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދެވެމުން އަންނަކަމަށް ގަަބޫލްކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭ އޮތް ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެކި ރޮނގު ރޮނގުން އީސީއަށް ހިދުމަތްކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް