29 އަހަރުވީ އިމާރާތުގައި ދަރިވަރުން ކިޔަވަން ޖެހެނީ ތެމިގެން، ހައްލު ކޮބާ!؟

ހިރިލަންދޫ ސުކޫލުގައި މިހާރު އޮތް ހޯލުގައި ކިޔަވައިދެނީ ޕާޓިޝަން ޖަހައިގެން -- ސަން ފޮޓޯ / ކިޔުންތެރިއެއް

"އޯލެވެލް އޮންނަ ދުވަސްވަރު ހޯލު ކައިރީގައި ބެލެނިވެރިން ތިބެނީ ކާޅު ފައްސަން ދަރިވަރުންނަށް އުނދަގޫ ވެދާނެތީ"

މިއީ ހިރިލަންދޫ ސުކޫލުގެ ހާލަތު ކިޔައިދެމުން އެ ސުކޫލުގެ ޓީޗަރަކު ބުނި ވާހަކައެކެވެ. އެ މަންޒަރު ހިތަށް ގެނައުމުން ސިފަވަނީ މައިވަންތަކަމުގެ ކުލުނެވެ. ދަރިންނަށްޓަކައި މައިންބަފައިން ކޮންމެ ގުރުބާނީއެއް ވެސް ވެދާނެ ކަމެވެ.

އެހެން ނަމަވެސް 21ވަނަ ގަރުނުގައި އައިސްފައިމިވާ ތަރައްގީއާއެކު ކާޅު ފައްސަން މިއަދު ތިބެން ޖެހުމަކީ ހިރިލަންދޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެ ރަށު ސުކޫލުގައި މިއަދު ވެސް އޮތީ 1992ވަނަ އަހަރު އެ ރަށުގެ ރައްޔިތުން ހެދި ހޯލެކެވެ. ހަތަރު ގުރޭޑަކަށް މިހާރު ވެސް ކިޔަވައިދެނީ އެ ހޯލުގައި ޕާޓިޝަން ޖަހައިގެންނެވެ. އެއީ ގުރޭޑް އަށެއްގެ ދެ ކްލާހާއި ގްރޭޑް ފަހެއް އަދި ހަތެއްގެ ކްލާހެކެވެ.

ހިރިލަންދޫ ސުކޫލުގައި 1992ވަނަ އަހަރު އަޅައިފައިވާ ހޯލު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވާރޭ ވެހޭނަމަ އެ ކުލާސްތަކުގައި ކިޔަވައިދިނުމަކީ ނާދިރު ކަމެކެވެ. އެތަނަކީ ދޮރެއް ދޮރުފަތެއް ހުރިތަނެއް ނޫނެވެ. އެހެންކަމުން ގަދަވަޔާއެކު ވާރޭވެހެން ފަށައިފިނަމަ ކުލާހުގެ މެދަށް ކުދިން ޖެއްސުމުން ވެސް ފޮތްތަކަށް ފެންބުރައެވެ. ކުލާސްރޫމުގައި ފެންބޮޑުވެއެވެ.

ހިރިލަންދޫ ސުކޫލުގެ ބެލެނިވެރިން ކިޔައިދިން ގޮތުގައި އެ މީހުން ވަރަށް ކެތް ކޮށްފިއެވެ. އެހެން ނަމަވެސް މިއަދު އެ ބެލެނިވެރިންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހައްލަކަށް ބޭނުންވެ، ދަރިންގެ ހައްގުގައި ނުކުންނަށް މަޖުބޫރުވެއްޖެއެވެ.

ހިރިލަންދޫ ސުކޫލުގެ ހޯލުގައި ހުންނަ ކްލާސްރޫމެއްގައި ފެންބޮޑުވެފައި -- ސަން ފޮޓޯ / ކިޔުންތެރިއެއް

ވެރިކަމަކަށްފަހު ވެރިކަމެއް ނިމިގެންދިޔައިރު ވެސް އެ ސުކޫލަށް އައި ތަރައްގީއެއް ނެތެވެ.

އެ ބެލެނިވެރިން އިއްޔެ ނުކުމެ ސުކޫލުގެ ގޭޓުގައި ބޮޑު ތަޅު އެޅުވި ސަބަބަކީ އެއީއެވެ. ސުކޫލު މިހާރު އޮތް ހާލަތު ބަދަލު ކުރެވޭތޯ މިއަދު އެކަން ކުރަން މަޖުބޫރުވީއެވެ.

ވާރޭވެހޭ ދުވަހެއް ނަމަ ކިޔަވައި ނުދެވޭ

"ސަން"އާ ވާހަކަ ދެއްކި ހިރިލަންދޫ ސުކޫލުގެ ޓީޗަރަކު ކިޔައިދިން ގޮތުގައި އެ ކުލާސްރޫމްތަކުގައި ވާރޭ ވެހޭ ދުވަހަކު ކިޔަވައެއް ނުދެވޭނެއެވެ.

މީގެ ކުރިން އެތަނަށް ފެން ވިއްސާތީ ސަތަރި ޖަހައިގެން ބެއްދިއެވެ. ނަމަވެސް އެއީ ވެސް ބެލެނިވެރިން ދެކޭ ގޮތުގައި ހައްލެއް ނޫނެވެ. އެނޫން ހައްލެއް މިއަދު ބޭނުންވެއެވެ.

"ކުދިންނަށް ކިޔަވައިދޭން ހެޔޮވެސް ވާވަރު ތަނެއް ނޫން އެއީ މިހާރު،" ބެެލެނިވެރިއަކު "ސަން"އަށް ކިޔައިދިނެވެ.

ޓީޗަރުން ކިޔައިދިން ގޮތުގައި ވިއްސާރަ ދުވަސްދުވަހު ބައެއް ފަހަރަށް އެތަނުގައި ކިޔަވާ ދަރިވަރުންގެ ފޮތްތައް ވެސް ތެމިފައި އެބަހުއްޓެވެ.

"އަރިމަތިން އެއްކިބާ، ފުރާޅު ފޫވެއްޓިގެން ސީލިންގު ފޫވެއްޓިގެން އެތަނުން ވެސް ފެން ފައިބާ،" ޓީޗަރުން ބުންޏެވެ.

ހިރިލަންދޫ ސުކޫލުގެ ފުރާޅު ފޫގޮސް، ސީލިންގުން ފެން ވެސް ފައިބާ -- ސަން ފޮޓޯ / ކިޔުންތެރިއެއް

އެ ދަތިތަކާއެކު ވެސް މި ހުރިހާ ދުވަހެއް ވަންދެން ޓީޗަރުންނާއި ބެލެނިވެރިން ވެސް އެ ތިބީ ސަރުކާރުން މަލްޓިޕާޕޯސް ހޯލެއް އަޅައިދޭނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް ހިރިލަންދޫ ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ކަންބޮޑުވުން މިހާ ހިސާބަކުން ވެސް ނުނިމެއެވެ.

މުވައްޒަފުން ބޭނުން ކުރަން އެންމެ ފާހާނާއެއް!

ހިރިލަންދޫ ސުކޫލުގައި މުޅި ޖުމުލަ 51 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެ ސުކޫލުގައި މުވައްޒަފުން ބޭނުން ކުރަން ހުންނަނީ އެންމެ ފާހާނާއެކެވެ. ހިރިލަންދޫ ސުކޫލުގެ ޓީޗަރުން ސިފަކުރާ ގޮތުގައި އެއީ ކުޑަކުޑަ ގޮޅިއެކެވެ.

އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންނަށް ވަކިން ފާހާނާއެއް ނުހުރެއެވެ. އެހެންކަމުން ސުކޫލުގައި ދުވަހުގެ ބޮޑުބައެއް ހޭދަކުރާ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

"އެއީ ހަތަރު ފޫޓު ހަތަރު ފޫޓު ގޮޅިއެއް. އަންހެނުން ވެސް ފިރިހެނުން ވެސް ވަންނަނީ އެއް ތަނަކަށް. ނުވަ އަހަރު ވެއްޖެ މިހާރު،" ސަންއާ ވާހަކަ ދެއްކި ޓީޗަރުން ބަންޑުން ކޮށްލީ ފުނިޖެހިފައިވާ ޝަކުވާތަކުގެ މަދުމިންވަރެކެވެ.

ރަތްކުލައިން ފާހަގަ ކުރެވިފައި އެވަނީ ހިރިލަންދޫ ސުކޫލުގެ ހުރިހާ މުވައްޒަފުން ބޭނުން ކުރާ ފާހާނާ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހާލަތު މިހެން އޮތުމުން، ގިނަ އަންހެން މުވައްޒަފުން ސުކޫލުގައި ހުންނަ ފާހާނާ ބޭނުމެއް ނުކުރެއެވެ. 40 މީހުން އެއް ފާހާނާއެއް ބޭނުން ކުރުމަކީ ސިއްހީ ގޮތުން ބަލާއިރު ވެސް ރަނގަޅު ގޮތަކަށް ނުވާތީއެވެ.

ސުކޫލުގައި ދަރިވަރުން ބޭނުން ކުރަން ހުންނަ ފާހާނާތަކުގެ އަދަދު ވެސް ނިސްބަތުން މަދެވެ. އެގޮތުން 252 ދަރިވަރުން އުޅޭ މި ސުކޫލުގައި ހުންނަނީ އެންމެ ހަތަރު ފާހާނާއެވެ.

ޓީޗަރުން ބޭނުންކުރާނެ ކޮމްޕިއުޓަރެއް ނެތް، ސްޓާފް ރޫމުގެ ހާލަތު ގޯސް

ހިރިލަންދޫ ސުކޫލުގެ ޓީޗަރުންގެ ކަންބޮޑުވުންތައް އިންތިހާއެވެ. "ސަން"އާ ވާހަކަ ދެއްކި ޓީޗަރުން ކަމަކަށްފަހު ކަމެއް ކިޔައިދެމުން ދިޔައިރު އެއީ ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި ހިފަހައްޓައިގެން ތިބި ޝަކުވާތަކެއް ކަން ހާމަވިއެވެ.

އެ ޓީޗަރުން ކިޔައިިދިން ގޮތުގައި އެ ސުކޫލުގެ ޓީޗަރުން ބޭނުން ކުރާނެ އެންމެ ކޮމްޕިއުޓާ ސިސްޓަމެއް ވެސް އެ ސުކޫލަކު ނެތެވެ. ހުރިހާ ޓީޗަރުން ވެސް ބޭނުން ކުރަނީ އަމިއްލަ ލެޕްޓޮޕެވެ.

ޓީޗަރުން ދެން ފާހަގަ ކުރި ދަތިކަމަކީ ސްޓާފް ރޫމުގެ ހާލަތެވެ. މިހާރު އެ ސުކޫލުގައި ސްޓާފް ރޫމެއްގެ ގޮތުގައި ބޭނުން ކުރަނީ، އެންމެ ކުރިން އެ ސުކޫލުގައި ބޭނުން ކުރި ދެ ކްލާސް ރޫމެކެވެ. އެ ދެ ކްލާސް ރޫމް ސްޓާފްރޫމުގެ ގޮތުގައި ނަގަން ޖެހުނީ ސްޓާފްރޫމެއް ވަކިން ނެތުމުންނެވެ.

އެ ސުކޫލުގައި ލީޑިން ޓީޗަރުންނަށް ވެސް ވަކިން ޖާގައެއް ނެތެވެ. އަދި އައިޓީ ޓެކްނީޝަނުންނަށް ވެސް ވަކިން ޖާގައެއް ނެތެވެ. އެހެންކަމުން އެ ހުރިހާ މުވައްޒަފުން ވެސް ތިބެނީ ޓީޗަރުންނާއެކުގައެެވެ.

ހިރިލަންދޫ ސުކޫލުގެ ސްޓާފް ރޫމުގައި މުވައްޒަފުން މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

"އެކަށީގެންވާ ވަރަށް މޭޒެއް ވެސް ނެތް ސްޓާފް ރޫމުގައި. ޓީޗަރުން ބޭނުން ކުރަން ޖެހިފައިވަނީ އެންމެ އާދައިގެ ގޮނޑި. އެންމެ އާދައިގެ އަތްގަނޑުވެސް ނުލާ ޕްލާސްޓިކް ގޮނޑި. ހަ ގަޑިއިރު ފަސްގަޑިއިރު އެތާ ތިބެނީ އެ ގޮނޑިތަކުގައި،" ޓީޗަރުން ކިޔައިދިނެވެ.

އެ ސުކޫލުގައި މަސައްކަތް ކުރާ ސާޅީހަށްވުރެ ގިނަ މުވައްޒަފުން ތިބެނީ އެތަނުގައެވެ. އެހެންކަމުން ގިނަވަގުތު އެތަން އޮންނަނީ ތޮއްޖެހިފައެެވެ.

މުވައްޒަފުން ގެންގުޅޭ އަގުބޮޑެތި ސާމާނު ބަހައްޓަން ތަޅުލެވޭނެ ފަދަ ކަބަޑެއް ވެސް ހިރިލަންދޫ ސުކޫލުގައި ނެތް -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ޓީޗަރުންނަށް މަސައްކަތް ކުރެވޭވަރުގެ އެކަށީގެންވާ މޭޒެއް ނެތެވެ. އަދި އެ ޓީޗަރުން ގެންގުޅޭ ލެޕްޓޮޕްފަދަ އަގުބޮޑެތި އެއްޗެހި ރައްކާކޮށްލަން، ތަޅުލެވޭފަދަ ކަބަޑުތަކެއް ވެސް ނެތެވެ.

މިނިސްޓްރީން ބުނަނީ މުޒާހަރާ ކުރިޔަސް އަވަސް ނުވާނެ ކަމަށް!

ހިރިލަންދޫ ސުކޫލުގެ ބެލެނިވެރިން އިއްޔެ މުޒާހަރާއަށް ނުކުތުމުން މީޑިއާތަކުގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ. ނޫސްތަކުގެ ފަލަ ސުރުހީއަށް އެވާހަކަ އެރުމުން މިނިސްޓްރީއަށް ވެސް އެކަން ރޭކާލިއެވެ.

މިނިސްޓްރީން ވަނީ ފޯނުން ގުޅާ ސުކޫލުގެ މެނޭޖްމަންޓާއި ޕީޓީއޭއާ ވެސް ވާހަކަ ދައްކައިފައެވެ. މިނިސްޓްރީން ބުނަނީ ވަގުތުން ވަގުތަށް އެ މަސައްކަތް ނުފެށޭނެ ކަމަށެވެ. އެހެންކަމުން ދެ ދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކޮށް ވަގުތީ ހައްލެއް ހޯދުމަށް މިނިސްޓްރީން އެދުނެވެ.

"މިނިސްޓްރީން ބުނީ މުޒާހަރާ ކުރިޔަކަސް ވަކި އަވަހެއް ނުވާނެއޭ. ދެ ދަންފަޅިއަށް ކިޔަވައިދޭށޭ،" ޓީޗަރަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މަސައްކަތް ހުއްޓިފައި އޮތީ ކޮވިޑާ ގުޅިގެން

ހިރިލަންދޫ ހިމެނޭ، ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިން އިމާރާތުގެ ޑިޒައިނިންގެ މަސައްކަތް ދިޔައީ ކުރިއަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ހުއްޓުނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑާ ގުޅިގެން އައި ބަޖެޓުގެ ތާށިކަމާހުރެ އަޅުގަނޑުމެންނަށް އަހަރެއް ގެއްލިގެންދިޔަ،" ނާޝިޒު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާޝިޒު އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ބަޖެޓުގައި ހިމެނިފައި އޮތީ ތިން ބުރީގެ އިމާރާތެއް އެކަނި ކަމަށެވެ. ނަމަވެސް ޓީޗަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން، މަލްޓިޕާޕަސް ހޯލެއް ބޭނުންވާތީ މިނިސްޓްރީއާ މަޝްވަރާ ކުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު މަލްޓި ޕާޕަސް ހޯލް އަޅަން ސަރުކާރުން ނިންމައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތިންބުރީގެ އިމާރާތެއް، ތިރީ ދެބުރީގައި މަލްޓި ޕާޕަސް ހޯލަކާއެއްކޮށް ކުރިއަށް ދިޔުމުގެ މަރުހަލާގައި މިހާރު އޮތީ. ކުރެހުމަށް އައި ބަދަލާއެކު ކުރެހުން ފައިނަލުވެ ބީއޯކިއުއާ އެއްޗެހި ހަދާ މި މަހުގެ ތެރޭގައި ޓެންޑަރިންއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ،" ނާޝިޒު ވިދާޅުވިއެވެ.

ބެލެނިވެރިންގެ ކެތްތެރިކަން ކޮޅުންލައިިފި، ބޭނުމީ އަވަސް ހައްލެއް

"ކުދިންނަށް އަލުން ފޮތްދީ، ފޮތް ކޮޅު ތެމިއްޖެ. ކެތްތެރިކަން ކޮޅުންލައިފި،" މިއީ އިއްޔެ ހިރިލަންދޫ ސުކޫލުގެ ގޭޓުގައި ތަޅު އެޅުވުމަށްފަހު އެތަނުގައި އިހުތިޖާޖުކުރި ބެލެނިވެރިން ފާޅުކުރި ޝުއޫރުތަކެވެ.

އެ ބެލެނިވެރިންނާ ހަވާލާދީ އެ ސުކޫލުގެ ޕީޓީއޭގެ ނައިބު ރައީސް ފަރީޝާ ވިދާޅުވީ ސަރުކާރުން އެ ރަށުގައި އަޅައިދޭން ވައުދުވެފައިވާ މަލްޓި ޕާޕަސް ހޯލު އިއުލާން ކުރުމުން ނޫނީ ދެން ދަރިވަރުން ސުކޫލަށް ނުފޮނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓްރީއާ ހަމައަށް ވެސް ޝަކުވާތައް ގެންގޮސްފައިވާނެ ކަމުގައި ފަރީޝާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިނިސްޓްރީން ބުނަނީ އެ މަސައްކަތް އިއުލާން ކުރެވޭނީ ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ކަމަށެވެ.

"މިއަދުން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަސްތެރޭ އިއުލާން ކުރެވޭނެ ކަމަށް ބުނަނީ. އަޅުގަނޑުމެން ބޭނުންވަނީ އެއަށްވުރެ ވެސް އަވަސް. އެހެންވެގެން އިއުލާން ނުކުރަނީސް ދަރިވަރުން ސުކޫލަށް ނުފޮނުވޭނެކަން އަންގާފަ ވާނީ މިނިސްޓްރީން ގުޅި ބޭފުޅާއަށް ވެސް،" ފަރީޝާ ވިދާޅުވިއެވެ.

ހިރިލަންދޫ ސުކޫލުގެ ބެލެނިވެރިން ސުކޫލުގައި ބޮޑުތަޅު އެޅުވުމަށްފަހު އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފަރީޝާ ވިދާޅުވީ މިނިސްޓްރީން ގުޅާފައި ބެލެނިވެރިންނަށް ވިސްނައިދޭން އޭނާގެ ގާތުގައި އެދޭ ކަމަށެވެ. ނަމަވެސް މިއަދު ބެލެނިވެރިން ތިބީ މާ ޖޯޝުގައި ކަމަށާއި އޭނާ ބުންޏަސް މުޒާހަރާ ނުހުއްޓާނެ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ސީލިންގު އެހެރީ ވެއްޓިފައި، ފުރާޅު އެހެރީ ފޫގޮސްފައި. ދެން ކިތަންމެ ވަރަކަށް ވިސްނިޔަސް އެއީ ނުވާކަމަކަށް ނުވާނެ. ދެން ކޯޗެއްތޯ ވިސްނުވަދޭން މިއުޅެނީ އަޅުގަނޑުމެންނަށް،" 'ސަން'އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.

މިއަދު އެ ބެލެނިވެރިންގެ ސުވާލުތައް ގިނައެވެ. އިހުތިޖާޖުގައި އެ ބެލެނިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ސުވާލުތައް ވެސް އެކަމަށް ހެކިދެއެވެ.

"ހޯލު ކޮބާ؟ ދަރިވަރުން ތިބީ ވާރެތެރޭ!"

ދަރިވަރުން ކިޔަވަން ޖެހެނީ ތެމިގެން! އެކަމަށް ހައްލު ކޮބާ؟

ހިރިލަންދޫ ސުކޫލުގައި ބޮޑުތަޅު އެޅުވުމަށްފަހު ބެލެނިވެރިން އިހުތިޖާޖު ކުރަނީ -- ފޮޓޯ ކިޔުންތެރިއެއް

މިއީ މިއަދު ހިރިލަންދޫ ބެލެނިވެރިން ކުރާ ޝަކުވާއެވެ. މަގުމައްޗަށް ނުކުމެ ސުކޫލު ތަޅު އަޅުވައިގެން ތިބެ އުފުލަމުންދާ ޝަކުވާތަކުގެ އަޑެވެ.

އޯލެވެލް އިމްތިހާނު ހަދާ ވަގުތު ބެލެނިވެރިން ކާޅު ފައްސަން!

މިނިސްޓްރީން ދެ ދަންފަޅިއަށް ސުކޫލުގެ ކިޔެވުން ބަދަލުކުރަން ބުނި ނަމަވެސް އޯލެވެލް އިމްތިހާނުގައި އެ ހޯލު ބޭނުން ކުރަން ޖެހެއެވެ. އެ ނޫންތަނެއް އިމްތިހާނު ހަދާކަށް ނެތެވެ. އެ ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާ އެއް ސަބަބަކީ އެއީއެވެ.

އޯލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު ހިރިލަންދޫ ސުކޫލުން ފެންނަނީ ތަފާތު މަންޒަރެކެވެ. އިމްތިހާނު ހޯލު ވަށައިގެން ބެލެނިވެރިން ކާޅު ފައްސަން ތިބޭ ތަނެވެ.

"ލިސެނިން ޕޭޕަރަކީ ކިހާ ކޮންސެންޓްރޭޓް ކޮށްގެން ހެދޭނެ އެއްޗެއްކަން އެނގޭނެ ކޮންމެ މީހަކަށް ވެސް. ހާއްސަކޮށް ލިސެނިން ޕޭޕަރެއް އޮންނަ ދުވަހެއްގައި ވިއްޔާ ބެލެނިވެރިން ތިބެން މިޖެހެނީ ކާޅު ފައްސަން،" އޯލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު އެ ސުކޫލުގެ ހާލަތު ފަރީޝާ ކިޔައިދެއްވިއެވެ.

ކާޅު ފައްސަން ތިބޭ ސަބަބަކީ ކާޅުގެ އުނދަގުލާހެދި އިމްތިހާނު ހަދަން ދަރިވަރުންނަށް އުނދަގޫ ވާތީއެވެ.

"ދެން މިނިސްޓްރީން އެބުނަނީ ދެ ދަންފަޅިއަށް ބަދަލު ކުރަން. ދެ ދަންފަޅިއަށް ބަދަލު ކުރިޔަސް ޖީސީއީ އޯލެވެލް ހަދަން މިޖެހެނީ ހަމަ މި ހޯލުގައި. އެހެންވީމަ އަޅުގަނޑުމެންނަށް ހޯލެއް ހަމަ ހައްގު،" ފަރީޝާ ވިދާޅުވިއެވެ.

ހިރިލަންދޫ ސުކޫލުގައި އިއްޔެ ބޮޑުތަޅު އަޅުވައިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހިރިލަންދޫގެ ބެލެނިވެރިން މިއަދު މަގުމައްޗަށް ނުކުމެ އެތިބީ މަޖުބޫރުވެގެންނެވެ. އިތުރު އެހެން ގޮތެއް ނެތިގެންނެވެ. ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ހޯދައިދެވޭނެފަދަ މާހައުލެއް ސުކޫލުގައި ނެތުމުންނެވެ. އެ ބެލެނިވެރިން ބުނަމުން އެދަނީ މަސައްކަތް އިއުލާނު ނުކުރަނީސް ދަރިވަރުން ސުކޫލަށް ނުފޮނުވާނެ ކަމަށެވެ. ސުކޫލުގެ ބޮޑު ތަޅު ނުނައްޓާނެ ކަމަށެވެ.

"ކިތަންމެ ގިނަ ދުވަހެއް ވިޔަސް ދަރިވަރުން ސުކޫލަށް ނުފޮނުވާ ގޮތަށް އެ އުއްމީދުގައި އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންގެ އަޑު ސަރުކާރަށް އިވެން އަޅުގަނޑުމެން ބޭނުން" ޖޯޝާއެކު ހިރިލަންދޫގެ ބެލެނިވެރީން ގޮވާ ގޮވެއްޗަކީ މިއީއެވެ.

comment ކޮމެންޓް