"މިޝަން މަޖްނޫ"ގެ ޝޫޓިން ސިދާތު ނިންމާލައިފި

ޒުވާން އެކްޓަރު ސިދާތު މަލްހަތްރާ---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސިދާތު މަލްހަތްރާގެ ކުރިއަށް އޮތް ފިލްމު "މިޝަން މަޖްނޫ"ގެ ޝޫޓިން ނިންމާލައިފިއެވެ.

މި ފިލްމަކީ މިދިޔަ ޖެނުއަރީ މަހުގެ ޝޫޓިން ފެށި ފިލްމެކެވެ. ސިދާތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ސިދާތު އާއެކު އަންހެން ބަތަލާގެ ރޯލުން ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ރަޝްމިކާ މަންޑަނާއެވެ. މި ފިލްމުވެގެންދާނީ އޭނާ ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. މި ފިލްމުގެ ޝޫޓިން ރަޝްމިކާ ވަނީ މިދިޔަ އޮގަސްޓް މަހު ނިންމާލާފައެވެ.

ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ސިދާތު ބުނީ ފިލްމުގެ ދަތުރަކީ އޭނާ އަށް ވަރަށް ހާއްސަ ދަތުރެއް ކަމަށާއި މި ފިލްމު ފުރިހަމަ، މޮޅު ފިލްމަކަށް ހެދުމަށް ބުރަ މަސައްކަތެއް ކުރެވުނު ކަމަށެވެ.

ފިލްމުގައި ސިދާތު ކުޅޭނީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ)ގެ އެޖެންޓެއްގެ ރޯލެވެ. ތުރިލާ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ޕޯސްޓަރުވެސް މިހާރު ދައްކާލައިފައިވާއިރު މިޝަން މަޖްނޫ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދާނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަލުވާން ދިމާވި ހަގީގީ ސަބަބުތަކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާންތަނޫ ބަގްޗީ ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް