ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އިދިކޮޅަކަށް ނެތް: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް މި ސަރުކާރުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

https://sun.mv/156901

ހިޔާލު ފާޅުކުރުމަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން ހިޔާލު ފާޅުކުރުމަށް ހިންގާ ކިތަންމެ ކުޑަ ހަރަކާތެއް ހިންގި ނަމަވެސް އެކަމަށް ވެސް ބާރުގެ ބޭނުންކޮށް ހުރަސް އަޅަމުން އަންނަަކަމަށެވެ.

"އެންމެ ކުޑަ މިނުން، މަދު މީހުންކޮޅެއް އެއްވެލިކަމަށް ވިޔަސް ހަމަ ޕެޕާ ސްްޕްރޭ އެއްޗެހި ޖަހާފައި އެބަހުރި، އަނެއްކޮޅުން އެނގިވަޑައިގަންނަވާނެ، މީޑިއާތަކުގައި ދައްކާ ވާހަކަތަކާ ގުޅިގެން އެބަހުރި ފިޔަވަޅު އަޅާފައި،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް މިއަދު ވިދާޅުވީ އެއްވެސް ބުރަދަނެއް ހުރި ވާހަކަފުޅެއް ނޫންކަމަށެވެ. އަދި އެ ވާހަކަފުޅުގައި އެއްވެސް ހަގީގަތެއް ވެސް އެކުލެވިފައިނުވާކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރައްވައިފައެވެ. އެގޮތުން ސަރުކާރުން އަޑީގައި ތިބެ ފައިސާ ދީގެން ބައެއް ނޫސްތައް ހިންގާކަމަށް އޭނާ ވިދާޅުވިއެވެ.

"އެއަށްވުރެ މާ ނުބައިކަމެއް މިހާރު އެބަ ހިނގާ. އެބޭފުޅުން ކުރައްވާ ކަމަކީ އެ ބޭފުޅުންނަށް ކޮންޓްރޯލްކުރެވޭ މީޑިއާތަކަސް ހަމަ ވަރަށް ބޮޑަށް އިންވެސްޓްކޮށްގެން، މީޑިއާތައް ކޮންޓްރޯލް ކުރަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ މާ ނުރައްކާތެރި ކަމެއްކަމަށެވެ. އަދި މީޑިއާތަކުގެ "ދޫ" ބަންދުކުރަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މި ސަރުކާރު ވެެރިކަމަށް އައީ އިންސާފުގެ ވާހަކަދައްކައިގެންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުރީ ސަރުކާރުގައި ބަލަން ފަށާފައިހުރި މައްސަލަތައް ވެސް މި ސަރުކާރު އައުމަށްފަހު ނުބެލި ގިނަ ދުވަސްވެގެން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން މިހާރު ހިނގަމުންދާ އެއްވެސް ކަމެއްގައި އިންސާފު ލިބެނީކީއެއް ނޫން. ދެން އެހެންވީމާ ކިހިނެއްތޯ މިކަންކަން ކުރެވޭނީ. އަޅުގަނޑުމެންނަށް ހަމަ އެއްްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ މި ސަރުކާރުން ބުނާ ބަހަކާއި އަމަލެއް ދިމާވާކަމަކަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް