ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅަން: ރައީސް

ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި ނުވެސް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޑިމަކުރަސީ ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އެއްވެސް އަސާސީ ހައްގަކަށް އެއްވެސް ހުރަހެއް ނާޅާނެކަމަށެވެ.

"ވަކިން ހާއްސަކޮށް، ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ. ސަރުކާރުގެ އެންމެހައި ކަންކަން ދެ ފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީ ވެސް، ޑިމަކުރަސީގެ ހަމަތައް ނެގެހެއްޓުމުގައި، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި މިއަދު ދިވެހިން އަންނަނީ ޒަމާނީ ޑިމަކުރަސީއަށް ހޭނެމުންކަމަށެވެ. އަދި ރައްޔިތުންގެ ބާރުތަކާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ އިތުރުން އަދާކުރަން ޖެހޭ ޒިންމާތަކަށް މިއަދު ރައްޔިތުން އަހުލުވެރިވަމުން އަންނަކަމަށެވެ.

"އޭގެ ތެރެއިން ވެސް އެންމެ މުހިންމު ހައްގަކީ، ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމުގައި، ގާނޫނުއަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގު. އެ ހައްގުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ޓަކައި، ރާއްޖޭގައި ގާއިމުވެފައި އޮތް ޑިމަކުރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަގީން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ ކޮންމެ ހާލެއްގައި ވެސް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޑިމަކުރަސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހޯދައިދިނުމަށްކަމަށެވެ. އަދި ގާނޫނުން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް ސަރުކާރުން އަބަދު ވެސް އިހުތިރާމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތް މިންވަރު ކަށަވަރު ކުރުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް