ބައިނަލްއަގުވާމީ މުޖުތަމައުން އަފްޣާނިސްތާނަށް އެހީވުމަށް ޕާކިސްތާނުން ގޮވާލައިފި

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަޚްދޫމް ޝާހު މަހްމޫދު ގުރޭޝީ -- ފޮޓޯ: ޚަލީޖް ޓައިމްސް

ބައިނަލްއަގުވާމީ މުޖުތަމައުން މީގެ ކުރިން އަފްޣާނިސްތާނާ ދެކޮޅަށް އެޅި ފިޔަވަޅުތައް ތަކުރާރު ނުކޮށް، އެގައުމަށް އެހީ ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަޚްދޫމް ޝާހު މަހްމޫދު ގުރޭޝީ ގޮވާލައްވައިފިއެވެ.

މިނިސްޓަރު ގުރޭޝީ އެހެން ވިދާޅުވީ އަފްޣާނިސްތާނުގެ ހާލަތާ ބެހޭ ގޮތުން ހިޔާލު ފާޅު ކުރައްވައި، ޔޫއޭއީގެ ޚަލީޖް ޓައިމްސްއަށް ލިޔުއްވި ލިޔުއްވުމެއްގައިއެވެ.

އެގޮތުން ގުރޭޝީ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން މީގެ ކުރިން އެޅި ފިޔަވަޅުތަކުން އަފްޣާން މުޖުތަމައުގައި ބައިބައިވުން އިތުރު ވާން މަގުފަހިވި ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް އަލުން ޖާގަ ނުދިނުމަށާއި ބިނާކުރުވަނިވި މަޝްވަރާތައް ބޭއްވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

"ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން ގޮވާލަން: އިގުތިސާދީ އަދި އިންސާނީ ކާރިސާއަކުން އަފްޣާނިސްތާން ރައްކާތެރި ކުރުމަށްޓަކައި އެގައުމަށް އެހީވުމުގައި ދެމިތިބެން ޖެހޭ. މީގެ ކުރިން ނުވިސްނާ، އަވަސް އަރުވާލައިގެން އެޅި ފިޔަވަޅުތަކުން އަފްޣާން މުޖުތަމައުގައި ބައިބައިވުން އިތުރުވި އަދި އަސްކަރީ ހަރަކާތްތަކާއި ހަރުދަނާ ހިންގުންތެރިކަމެއް ނެތުމާއި ކޮރަޕްޝަނާއި ހުޅަނގުގެ ގިނަ އަދަދެއްގެ ޓެކްސް ފައިސާ އިސްރާފު ކުރުމުން އެ މައްސަލަ އިތުރަށް ގޯސްވި. މިފަހަރު އެފަދަ ފިޔަވަޅުތައް ތަކުރާރު ނުކުރޭ. ބިނާކުރުވަނިވި މަޝްވަރާތަކާއި ޕޮޒިޓިވް ވާހަކަތަކުން ހިތްވަރުދީ،" ގުރޭޝީ ވިދާޅުވިއެވެ.

މީގެ އިތުރުން ގުރޭޝީ ވިދާޅުވީ އަފްޣާނިސްތާނުގެ މައްސަލައިގެ ސަބަބުން އެގައުމަށް ފަހު އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ ޕާކިސްތާނަށް ކަމަށެވެ.

އެގޮތުން ޕާކިސްތާނުން 80،000 މީހުން މަރުވެ، އެގައުމަށް 150 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ޕާކިސްތާނުގައި އަފްޣާނިސްތާނުގެ ހަތަރު މިލިއަން ރެފިއުޖީން މިހާރުވެސް ދިރިއުޅެމުންދާ ކަމަށާއި އަފްޣާން ރައްޔިތުންނަށް ފުރަގަސް ދިނުމަކީ ޕާކިސްތާނަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި އެގައުމުން ވިސްނާފައިވެސްވާ ކަމެއް ނޫން ކަމަށް ގުރޭޝީ ވިދާޅުވިއެވެ.

ހަމައެހެންމެ، އަފްޣާނިސްތާނުގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ އާއި ކޮންސިއުލޭޓުތައް ފާއިތުވި ދުވަސްތަކުގައިވެސް ހުރީ ހުޅުވާފައި ކަމަށާއި އެގައުމުން ބޭރުވާން ބޭނުންވި މީހުންނަށް ގައުމީ އެއާލައިން، ޕީއައިއޭއިން އެ ހިދުމަތް ފޯރުކޮށްދިން ކަމަށް ގުރޭޝީ ވިދާޅުވިއެވެ.

އޭގެ އިތުރުން، އަފްޣާނިސްތާނުގެ ހާލަތު ގޯސްވަމުން ދިޔުމުގައި ޕާކިސްތާނުގެ އަތެއް ނުވި ނަމަވެސް އެގައުމުގެ 20 އަހަރުވީ "ދާއިމީ ހަނގުރާމަ"އަށް ނިމުން ގެނައުމަށްޓަކައި ޕާކިސްތާނުން އެހީވިކަން ގުރޭޝީ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އަފްޣާނިސްތާނުގައި ސުލްހަ ގާއިމު ކުރުމާ ބެހޭ ގޮތުން އެގައުމުގެ ސިޔާސީ ފެކްޝަންތަކާ ވާހަކަ ދެއްކުމުގެ އިތުރުން ޕާކިސްތާނުން ހުޅަނގުގެ ގައުމުތަކާވެސް މަޝްވަރާތައް ބޭއްވިކަން ގުރޭޝީ ހާމަ ކުރެއްވިއެވެ. އަދި ބޮޑުވަޒީރު އިމްރާން ޚާންގެ ތަސައްވަރު ބިނާވެފައި ވަނީ އިގުތިސާދީ ފުދުންތެރިކަން ގާއިމު ކުރުމަށް ކަމަށާއި އެއީ ސަރަހައްދީ ހަމަޖެހުމާ ގުޅިފައިވާ ތަސައްވަރެއް ކަމަށް ގުރޭޝީ ވިދާޅުވިއެވެ.

އެހެންކަމުން ޕާކިސްތާނުގެ ސިޔާސަތު "ޖިއޯ ޕޮލިޓިކްސް" އިން "ޖިއޯ އިކޮނޮމިކްސް"އަށް ބަދަލުކޮށްފައިވާ ކަމަށާއި އެގައުމުން ބޭނުން ވަނީ އެ ސަރަހައްދަކީ ސުލްހަވެރި، ތިޔާގި އަދި އިގުތިސާދީ ގޮތުން ލާމެހިފައިވާ ސަރަހައްދަކަށް ހަދަން ކަމަށް ގުރޭޝީ ލިޔުއްވިއެވެ.

އެފަދަ ބަދަލުތައް ގެނައުމުންނާއި އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމުން އެގައުމުގެ އިގުތިސާދު އިނދަޖެހުމާއި، އިތުރު މީހުން ރެފިއުޖީންނަށް ވެގެން ދިޔުން ހުއްޓުވޭނެ ކަމަށް ގުރޭޝީ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެގައުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރަކަށް ވެގެން ދާނެ ކަމަށް ގުރޭޝީ ލަފާ ކުރެއްވިއެވެ.

"ޖިއޯ-ޕޮލިޓިކްސް އިން ދުރެވެ، އަފްޣާނިސްތާނުގެ ވޭނާއި ކެކުޅުން ކުޑަކުރަން މަސައްކަތް ކުރަމާ. މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކަށް ކުރިން ހެދުނު ގޯސްތަކުން ފިލާވަޅު ނަގައި، އެ ގޯސްތައް ތަކުރާރު ނުކުރުން ޕާކިސްތާނުން އެދެން،" ގުރޭޝީ ލިޔުއްވިއެވެ.

ބޭރުގެ ގައުމުތަކުގެ އިތުރުން އަފްޣާނިސްތާނުގައި މިހާރު އޮތް ވެރިކަމަށް އިޝާރާތްކޮށްވެސް ގުރޭޝީ ވާހަކަ ދެއްކެވިއެވެ. އަދި ގައުމު އެއްބައިވަންތަ ކުރަން މަސައްކަތް ކުރުމަށާއި ވަކި ނަސްލަކަށް ނުވަތަ ޖިންސަކަށް ވީތީ ނުރައްކާ އޮތް ކަމަށް ރައްޔިތުންނަށް އިހުސާސު ނުވާނެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް ގޮވާލެއްވިއެވެ.

އަފްޣާނިސްތާނުގައި މިހާރު އަމިއްލަ ސަރުކާރެއް އިއުލާންކޮށްފައިވާ ތާލިބާނުން ދާދި ފަހުން އެގައުމުގެ ވެރިކަން ހޯދީ، 2001 ވަނަ އަހަރު އެ ޖަމާއަތުގެ ސަރުކާރު ވައްޓާލި އެމެރިކާ ސިފައިން އެގައުމުން ފޭބުމާ އެއްކޮށެވެ. އަދި އެ ޖަމާއަތުން މިދިޔަ މަހުގެ 15ގައި ކާބުލްއަށް އެރުމާ އެކު ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވާ ވަޑައިގަތުމުންނެވެ.

comment ކޮމެންޓް