ގައުމީ ފުޓްބޯޅަ ޓީމްތަކުގެ ޕާޓްނަރަކަށް މިފަހަރުވެސް ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެފްއޭއެމްގެ ރައީސް--ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާ ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އެ އެއްބަސްވުން އައު ކުރީ މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަފްލާއެއްގައިއެވެ.

އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ގައުމީ ސީނިއާ ފިރިހެން ޓީމާއި، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.

"ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނާޝިޕް އައު ކުރެވިގެންދާ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްވެސްމެ. ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން،" ސޯޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ބައްސާމް ވަނީ ރާއްޖޭގެ ކުޅިވަރު ތަަރައްގީ ކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

"ބީއެމްއެލް އާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ
އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް އަދި އުފަލެއްވެސްމެ. އަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ގައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބައްސާމް ވިދާޅުވިއެވެ.

ބީއެމްއެލްއަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސާއެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕްގެ އޮފިޝަލް ބޭންކިން ޕާޓްނަރަކީވެސް ބީއެމްއެމްއެލްއެވެ.

comment ކޮމެންޓް