ދިވެހި މެނޭޖްމެންޓަކާ ޓީމު ހަވާލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު: ބައްސާމް

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަލީ ސުޒޭން ވާހަކަ ދައްކަނީ --- ފޮޓޯ//އެފްއޭއެމް

ފުލް ދިވެހި މެނޭޖްމަންޓަކަށް ގައުމީ ފުޓުބޯޅަ ޓީމު ބެލެހެއްޓުން ހަވާލުކުރަން މިވަގުތަކީ އެންމެ މުނާސަބު ވަގުތު ކަމަށާއި، މިއީ ވަރަށް ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ 100 އިންސައްތަ ދިވެހި މެނޭޖްމެންޓަކާ އެކު ގައުމީ ޓީމު އެކުލަވާލި ފުރަތަމަ މުބާރާތެވެ. މުބާރާތަށް ތައްޔާރުވާން ފެށުމުގެ ދެ މަހެއްހާ ދުވަސް ކުރިން ކޯޗަކަށް ހުރި ނެދަލޭންޑްސްގެ މާޓިމް ކޫޕްމަން މަގާމުން ވަކި ކުރުމާއެކު އެ ޒިންމާ މިވަގުތު ހަވާލުކޮށްފައިވަނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު އަލީ ސުޒޭނަށެވެ.

އޭނާގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރަނީ އިސްމާއިލް މަހެފޫޒް (އިންމަ) އަދި ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިމްރާންގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ.

ސަރަހައްދީ އެންމެ ބޮޑު މުބާރާތަށް ތައްޔާރުވާ އިރު މި މެނޭޖްމަންޓަށް އިތުބާރު އެބައޮތް ކަމަށް ގައުމީ ކުޅުންތެރިން ވެސް ބުނެފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިއީ އައު ބަދަލެއް ތަޖުރިބާ ކުރަން ރަނގަޅު ވަގުތެެއް ކަމަށެވެ.

"އަޅުގަނޑުމެން އެފްއޭގެ މެނޭޖްމެންޓާ ހަވާލުވުމަށްފަހު އަބަދުވެސް އޮންނަ ހުވަފެނެއް އެއީ ދިވެހި ކޯޗުން ލައިގެން ދިވެހި ގައުމީ ޓީމު ތަމްސީލް ކުރާނެ ދުވަހަކަށް ދިއުން،" ބައްސާމް ވިދާޅުވިއެވެ.

"ކަންދިމާކުރާ ގޮތުން އަޅުގަނޑުމެން މިޖެހެނީ އަބަދުވެސް ބޭރުގެ ފަރާތެއް އައްޔަން ކުރަން. އެހެން ނަމަވެސް އެންމެ ފަހުން ހުރި ކޯޗު [ކޫޕަމްން] ވަކި ކުރުމަށްފަހު ސާފް ޗެމްޕިއަންޝިޕާ ދެމެދުގައި މާ ގިނަ ދުވަސްތަކެއް ނެތުމުން އަޅުގަނޑުމެންނަށް ވިސްނުނީ ހަމަ ދިވެހި ކޯޗުންގެ ޓީމެއް އެކުލަވާލައި އެ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕަށް ނުކުންނަން،"

ބައްސާމް ވިދާޅުވީ މި އައި ބަދަލާ އެކު މިއީ އާ ކަމެއް ތަޖުރިބާކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި ފުލް ދިވެހި ޓީމަކަށް މިފަދަ ފުރުސަތެއް ދޭން ނިންމި ނިންމުމަށް ގިނަބަޔަކު ތާއީދު ކުރާކަން ބައްސާމް ފާހަގަ ކުރެެއްވިއެވެ.

ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގަތަރުގައި ތިބި ޓީމާ އެކު މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ އެސިސްޓެންޓް ކޯޗިންގް ޓީމެވެ. ގައުމީ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް