ރާއްޖޭގައި ބޭނުންކުރާ ޑްރަގްގެ ބާވަތްތައް އިތުރުވެ، މެތު ވެސް ހިލޭ ލިބެން ހުރޭ: މިނިސްޓަރު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރު، "މެތު" ފަދަ ބާވަތްތައް ހިލޭ ލިބެން ހުންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން، މިނިސްޓަރު ނަސީމް ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ ރީސްޓްރަކްޗާ ކުރުމާ ގުޅޭ މައުލޫމާތު މަޖިލީހަށް ދެއްވާފައެވެ.

އޭގެ ފަހުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ވައްތަރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އެއްޗެހި އެތެރެކުރަނީ ޔޫރަޕުގެ ގައުމުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގިނަ އެއްޗެހި މިހާރު އަންނަނީ ޔޫރަޕުގެ ގައުމުތަކުން. މި އަންނަނީ މެތު މިތަނުން މި ލިބެނީ ހަމަ ހިލޭ. އެ ކޮންތާކުން ކަމެއް ސަޕްލައިކޮށްގެން އުޅެނީ އަޅުގަނޑަކަށް ނޭނގެ" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދުގެ ޖަލްސާގައި މަސްތުވާތަކެތީގެ ހާލަތުގެ ތަފްސީލް ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވެސް ވަނީ ރާއްޖެއަށް މިހާރު އެތެރެކުރާ ބާވަތްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަފިއްޔާ ވިދާޅުވީ މީގެ ދިހަ ވަރަކަށް އަހަރު ކުރީގެ ރާއްޖޭގައި ބޭނުންކުރަނީ ގުދުރަތީ ބާވަތްތައް ނަމަވެސް މިހާރު ގިނައިން ބޭނުންކުރަނީ ކެމިކަލް ބާވަތްތައް ކަމަށެވެ. އެގޮތުން މެތަމްފެޓެމިންސް ނުވަތަ މެތް ގިނަ އަދަދަަކަށް ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް